ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންވެ ނެރުނު ބަޔާނަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނީ އިންތަކުގެ ބޭރުން ޝަރުއީ ނިޒާމް ފުނޑު ފުނޑު ކޮށްލައި، އިސްލާހުގެ ނަމުގައި އިތުރު ފަސާދައެއް ކުރުމަށް ކުރާ ދަށުދަރަޖައިގެ އަމަލެއް ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން މިހެން ބުނެފައިވަނީ އެ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަކަށް ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާ ގުޅިގެން އޭނާއާމެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ޖޭއެސްސީ އިން ބަލައި ނުގަތުމުން އެކަން ޕީއެންސީން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިކަމަކީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އިރުވެސް ބަދަލު ހިފުމުގެ ރޫހެއްގައި ޒާތީ ހަސަދައެއް ފިލުވައިލަން ކުރާ ކަމެއްކަމަށް ޕީއެންސީން ފާހަގަ ކުރެއެވެ. އަދި ޖޭއެސްސީގެ މި އަމަލަކީ ޝަރުއީ ނިޒާމް ފުނޑުފުނޑުކޮށްލުމުގެ އަމަލެއްކަމަށާއި އެކަން ޕީއެންސީން ކުށްވެރިކުރާކަމަށް މި ބަޔާނުގައި ވެއެވެ.
ޕީއެންސީން ބުނީ ގާނޫނު މާނަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ބާރު އޮންނާނީ ރާއްޖޭގެ ޝަރުއީ ކޯޓު ތަކަށް ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކަންކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާ އިރު، އެ ކޯޓުން ނެރޭ އަމުރަކަށް ނުކިޔަމަންތެރިވުމުގެ އެއްވެސް ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.