ދުނިޔެ

އެމެރިކާގެ އެކިހިސާބުތަކަށް ބޮމުގެ ޕާރުސަލްތައް ފޮނުވި މީހާ ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

އެމެރިކާގެ އެކިހިސާބުތަކަށް ބޮމުގެ ޕާރުސަލްތައް ފޮނުވި މީހާ ހައްޔަރުކޮށްފިއެވެ.

އެފްބީއައި އިން ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު ބޮމުގެ ޕާރުސަލްތައް ފޮނުވަމުންދިޔަ 56 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާގެ ޕާކިންގ ސަރަހައްދަކުންނެވެ. ސަޔޮކް ނަމަކަށް ކިޔާ އެ މީހާ ހައްޔަރު ކުރީ އޭނާ ދުއްވަމުން ދިޔަ ވޭނުގެ ކައިރީގައި ހުއްޓައެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ވޭނަކީ އޭނާގެ ވޭން އެވެ. ވޭނުގެ ބޭރުގައި ވަނީ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ފޮޓޯ ހަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮމުގެ ޕާރުސަލް ފޮނުވައިފައިވާ ފަރާތްތަކުގެ ފޮޓޯވެސް ހަރުކޮށްފައި ހުއްޓެވެ.

ސަޔޮކް ހައްޔަރުކުރުމަށްފަހު ސުވާލުކުރުމުން އޭނާ ވަނީ އެބޮންތަކުން އެއްވެސް ބަޔަކަށް ނުރައްކާ ނުވާނެ ކަމަށާއި އޭނާ އެއްވެސް މީހަކަށް އަނިޔާއެއް ދޭން ނޭދޭ ކަމަށް ބުނެފައެވެ.

ފްލޮރިޑާގެ އެވެންޓުއާ އަށް އުފަން ސަޔޮކް ދިރިއުޅެނީ އޭނާގެ ވޭނު ތެރޭގައެވެ. ސަޔޮކްގެ އާއިލާއިން ވަނީ އޭނާ ގެއިން ނެރެލާފައި ކަމަށް ސަޔޮކް އާ ހަވާލާދީ އޮފިޝަލުން މައުލޫމަތު ދެއެވެ.

ސަޔޮކް ހައްޔަރުކުރުމަށް އެފްބީއައި އިން ވަނީ ޕާރުސަލެއްގެ ބޭނުންކޮށްގެން އޭނާގެ ޑީއެންއޭ ހޯދައިފައެވެ. ސަޔޮކްގެ ޑީއެންއޭ ބޭނުންކޮށްގެން އެއީ ސަޔޮކް ކަން ޔަގީންވުމުން އޭނާގެ ފޯނު ޓްރޭސް ކޮށްގެން އޭނާ ލޮކޭޓް ކުރީ އެވެ.