ސިޔާސީ

ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ، ރައީސް އެކަން ޔަގީން ކޮށްދެއްވާ: މުއިއްޒު

ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިރޭ އިފްތިތާހުކުރި ހިޔާ އެކޮމްޕްލިޝްޑް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ކުރިއަށްދާ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކާއެކު މިމަހު 31 ކުރިން ފްލެޓް ހޯދުމަށް ފޯމް ލި ކޮންމެ މީހަކަށްވެސް ފެލެޓް ޔަގީންވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންނަށް ކަމެއް އަންގާލެއްވުމަށް ރައީސް އެދިލެއްވި ކަމަށާއި، އެކަމަކީ މިހާރުގެ ފްލެޓްތަކަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދެއްވުން ކަމަށެވެ.

"އަޅުގަނޑުގެ ގާތުގައި ރައީސް ޔާމީން ވިދާޅުވި މިތަނަށް އަޅުގަނޑު އައިސް ވާހަކަދައްކަވާ އިރު، ރައްޔިތުންނަށް ވާހަކައެއް ދަންނަވާލުމަށް. އެމަނިކުފާނު ވިދާޅުވީ މިހާރު މި ފޯމް ހުށަހަޅާފައިވާ ރައްޔިތުންނަށް އަދި މިމަހުގެ މުހުލަަތަށް ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދޭން. އެ ހުރިހާ ފޯމަކަށް ފްްލެޓް ލިބޭނެ. އެއީ ޔަގީން ކަމެއް،" މުއިއްޒި ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިރޭ އިފްތިތާހުކުރެވުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރުއަކީ ޔަގީންކަމާއެކު ރައީސް ޔާމީން ތަރައްގީ ކޮށްދެއްވާނެ މަޝްރޫއެއް ކަމަށާއި، މިހާރު ރާއްޖޭގައި ތިބި 18 އަހަރުން މަތީގެ ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ އެންމެނަށާއި، 2030 ވަނަ އަހަރާ ހަމައަށް 18 އަހަރު ފުރޭ ހުރިހާ އެންމެން ހިމެނޭ ގޮތުން މިރޭ އިފްތިތާހު ކުރެވުނު ހިޔާ އެކޮމްޕްލިޝްޑްގެ ދަށުން ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށެވެ.

މިހާރުވެސް 18،000 މީހުން ފްލެޓަށް އެދި ފޯމު ލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު، މިރޭ އިފްތިތާހު ކުރެވުނު މަޝްރޫއާއެކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށްވުރެ ބޯހިޔާވަހިކަމުގެ ފުރުސަތު ގިނަވާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އިރު، އޭގެ ތެރެއިން ބޯހިޔާވަހިކަން މި ފޯރުކޮށްދެވެނީ އޭގެތެރެއިން މަދު މީހުންތަކަކަށް. އެހެން ނަމަވެސް މަޝްރޫއު ނިމޭއިރުގައި ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންނަށްވުރެ ބޯހިޔާވަހިކަން އިތުރުވާނެ. ފުރަތަމަ ގެދޮރަށްފަހު، ދެވަނަ ގެއަކާއި ތިންވަނަ ގެއެއް ކޮންމެ މީހަކަށް ލިބޭވަރަށް ރާއްޖޭގެ ބޯހިޔާވަހިކަން ތަރައްގީވާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމާމެދު މިހާރު ރައްޔިތުން ސުވާލު ނުއުފައްދާނެ ކަމަށާއި، މިހާރު ގޮތް ނިންމުން އޮތީ ރައްޔިތުންނަށް ކަމަށެވެ.

"މިހާރު ގޮތް ނިންމުން އޮތީ ރައްޔިތުންނަށް. މިހާރު މިގެންނަ ތަރައްގީ ދަމަހައްޓާނީތޯ ނޫނީ އެކަން ދޫކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާނީތޯ ނިންމާނީ ރައްޔިތުން. އެއީ ފަސޭހަ ސުވާލެއް. އެކަން ބޭނުންތޯ ނޫނީ ނޫންތޯ ކުރެވޭ ސުވާލު. ގައުމީ ވިސްނުން ވިސްނަންވި ދުވަސް. ތަރައްގީއާއެކު ކުރިއަށްދާނީތޯ ނޫނީ ފަހަތަށް ދާނީތޯ ނިންމަން އޮތް ދުވަހަކީ 23 ވަނަ ދުވަހު. މިއަދުގެ މަޝްރޫއުން ވެސް ކަށަވަރުވެގެން ދަނީ އަމިއްލަ ދަރިންނާއި ދަރީންގެ ދަރީންގެ މުސްތަގުބަލު،" މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއަކީ މިނިވަން ދުވަހު ރައީސް އިފްތިތާހުކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭގެ ދެވަނަ ފިޔަވައްސާއި ހުޅުމާލޭ ދެވަނަ ފޭސް އެއްކޮށް ތަރައްގީކޮށް، ގުޅާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.