އައިޖީއެމްއެޗް

އައިޖީއެމްއެޗް އިމަޖެންސީ ރޫމުން ދުން އަރާތީ ބަލިމީހުން ބަދަލުކުރަން ފަށައިފި

އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުން ދުން އަރާތީ އެތަނުގައި ތިބި ބަލިމީހުން ބަދަލުކުރަން ފަށައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އިމަޖެންސީ ރޫމުގައި ތިބި ހުރިހާ ބަލިމީހުން މިހާރު ވަނީ ފިޒިއޮތެރަފީ ރޫމަށް ބަދަލުކޮށްފަ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:07 އެހާ އިރު އެވެ. އަދި އެމްްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން މިހާރު އަންނަނީ އައިޖީއެމްއެޗްގައި ހަރަކާތްތެރިވަމުން ކަމަށާއި އަރަމުން ދިޔަ ދުންގަނޑު ވެސް މިހާރު ވަނީ ކޮންޓްރޯލު ކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އައިޖީއެމްއެޗްގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އުފެދުނު ދުންގަނޑު މިހާރު ކޮންޓްރޯލު ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ ރޯވީ އައިޖީއެއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި އެވެ. އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި އިންޖީން ރޫމް ހުންނަނީ އިމަޖެންސީ ރޫމާ ވަރަށް ކައިރީގަ އެވެ. މިހާދިސާގައި އިމަޖެންސީ ރޫމް ފިޔަވައި އެހެން ސަރަހައްދަކަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ.