ސިޔާސީ

ނަސްރީނާގެ އަސަރުގަދަ ބަޔާން: އަނިޔާވެރިކަން ނިންމުމަށް އިބޫއަށް ވޯޓުދީ!

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ މިހާރު ވަނީ އަށް މަސްވެފައެވެ. އެ މަނިކުފާނުގެ ހާލުކޮޅު ގޯސްްވެ، ގިނަ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމަށް ވެސް ގެނެސްފައިވާ އިރު، އިންތިހާބާ ދިމާކޮށް އަނެއްކާވެސް މިހާރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިތުރު އިލްތިމާސްތަކެއް ޖަލުގައި ތިބި ސިޔާސީ ލީޑަރުންގެ ފަރާތުންނާއި އެ ފަރާތްތަކުގެ އާއިލާ، އަދި ސަޕޯޓަރުންގެ ފަރާތުން ދަނީ ކުރަމުންނެވެ.

ކުރީގެ ވެރިކަން ކުރެއްވި މުހައްމަދު ނަޝީދުވެސް ޖަލުހުކުމެއް ތަންފީޒް ކުރަން ޖެހުމުން، އަމިއްލައަށް ރާއްޖޭގެ ބޭރުގެ ހިމާޔަތުގައި ހުންނަވަމުންދާ އިރު، އިންތިހާބާ ދިމާކޮށް މިހާރުގެ ރައީސް ޔާމީނަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީވެސް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިބުމެވެ. ބޮޑެތި ހުކުމްތަކެއް ކުރެވި، އިދިކޮޅު ގިނަ ފަރާތްތަކުން ޖަލަށް ލާފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ލީޑަރުން ޖަލަށް ލާފައި ވަނީ ނާއިންސާފުން ކުރި ހުކުމްތަކެއްގައި ކަމަށެވެ.

އެހެން ނަމަވެސް، އޭގެ ރައްދެއްގެ ގޮތުން މިހާރު ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ ޝަރުއީ ދާއިރާއިން ކުރާ ހުކުމަކީ އެމަނިކުފާނަށް ބާރުފޯރުވޭނެ ކަމެއް ނޫން ކަމަށާއި، ޖަލުގައި ހުރި ކޮންމެ މީހަކީވެސް ކުށެއް ކޮށް، އެ ކުށަށް އެކަށޭނެ އަދަބު ދެވި ޖަލަށް ލެވިފައިވާ ފަރާތްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެއްބަނޑުއެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލެވިފައި ހުރުމުންވެސް އެނގެނީ ކުށެއްގެ އަދަބެއް ދިނުމަށް މޫނަށް ކަނދުރާއަށް އެމަނިކުފާނު ނުބައްލަވާ ކަން ކަމަށެވެ.

މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާ އެތަކެއް ވޭންތަކެއް ތަހައްމަލު ކުރައްވަމުންދާ ކަމަށް ބުނެ، އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މިއަދު ނެރުއްވި ބަޔާނާ އެކު އަނެއްކާވެސް މިވަނީ މައުމޫނާއި ޔާމީންގެ އިތުރު ވާހަކަތަކެއް ފެންމަތިިވެފައެވެ. ނަސްރީނާގެ ބަޔާނުގައިވާ ގޮތުން މި ހުރިހާ ދުވަހު މައުމޫން ޖަލުގައި ހޭދަކުރައްވަމުން ގެންދަވަނީ އާލާސްކަންފުޅެއްގައި ވެސް އުޅުއްވަމުންނެވެ.

"މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ ޢީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މިދަނީވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައި ވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާ އެކު ހުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ޑަކްޓަރުން ވަނީ ލިޔުންވެސް ދެއްވާފަ،" ނަސްރީނާގެ ބަޔާނުގައި ވެއެވެ.

ނަސްރީނާ ވިދާޅުވީ ރައީސް މައުމޫން ގައުމަށް ހިޔާނާތްތެރިވާނެކަން ގަބޫލުފުޅު ކުރައްވާނެ އެއްވެސް މީހަކު މި ރާއްޖޭގައި ނުހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރައީސް މައުމޫން މި ޤައުމަށް ހިޔާނަތްތެރިވެވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ޤަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ. މައުމޫން، ޢާއިލާގެ ގާތަށް، ގެޔަށް ބަދަލުކުރެވޭތޯ އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން އަދި އަޅުގަނޑުމެންގެ ވަކީލުންގެ ފަރާތުން އާދޭސްކޮށް ސިޓީ ނުލާ އެއްވެސް މުއައްސަސާއެއް މި ދިވެހިރާއްޖެއަކު ނުހުންނާނެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ،" ނަސްރީނާގެ ބަޔާނުގައި ވިދާޅުވިއެވެ.

ނަސްރީނާ ވިދާޅުވީ މިއަދު އުމުރުފުޅުން 80 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ މައުމޫންގެ އާއިލާއިން އުޅުއްވާ ހާލުގައި އުޅޭ އެތައް އާއިލާތަކެއް، އެތައް މައިންބަފައިންނެއް، އެތައް އަނބިންނެއް، އެތައް ދަރިންނެއް، އިންސާފު ނުލިބި އެބަތިބި ކަމަށާއި މިއަދު ރައްޔިތުންނާ ހަމައަށް އެކަމާ އައީ މައުމޫނަށާއި އެކަމަނާގެ އާއިލާގެ އިތުރުން ނުޙައްގުން ޖަލަށްލެވިފައިތިބި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ޤައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް، އިންސާފު ހޯއްދަވައި ދެއްވުން އެދިގެން ކަމަށެވެ.

އޭގެ އިތުރުންވެސް ނަސްރީނާ ވަނީ ޖަލުގައި ތިބި ލީޑަރުންނަށް އިންސާފް ހޯދުމަށް އަންނަ އާދީއްތަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހް (އިބޫ)އަށް ވޯޓު ދިނުމަށް ވެސް އެދިލައްވާފައެވެ.

"ޖަލުގައި ނާއިންސާފުން ތިބި ފަރާތްތައް ސަލާމަތް ކުރުމުގެ ފުރުސަތު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު. ވީމާ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އާދޭހަކީ، 23 ވަނަ ދުވަހު ވީހާ އަވަހަކަށް، ވީހާ ގިނަ ބޭފުޅުން ނިކުމެވަޑައިގެން، މިހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ޤައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް، ކެންޑިޑޭޓް ނަންބަރު 2 އަކަށް ވޯޓު ދެއްވުން،" ނަސްރީނާގެ ބަޔާން ނިންމަވާ ލައްވަމުން ވިދާޅުވިއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި ގުޅިފައިވާ އިއްތިހާދުން މިރޭ އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.