ތޫފާން ވާޔޫގެ ނުރައްކާ ބޮޑުވެ ތިންލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފިއެވެ.
އިންޑިއާގެ ހުޅަނގު އުތުރަށް މާދަމާ ހެނދުނުގެވަގުތެއްގައި އަރާނެކަމަށް ލަފާކޮށްފައިވާ ތޫފާން ވާޔޫގެ ބާރު ގަދަވެފައިވާއިރު މި ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިންޑިއާ ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.
އިންޑިއާގެ ހުޅަނގު އުތުރު ގުޖްރާތު ސްޓޭޓްގެ އައްސޭރިފަށަށް މާދަމާ ހެނދުނު ތޫފާން ވާޔޫ އަރާއިރު ގަޑިއަކު 75 މޭލަށް ވައި ޖެހޭނެކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. މިއީ ފާއިތުވެދިޔަ 20 އަހަރުތެރޭ ގުޖުރާތަށް އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ތޫފާން ވާޔޫގެ އަސަރު އިންޑިއާގެ 6 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކުރާނެކަމަށް ވަނީ ބެލެވިފައެވެ.
ތޫފާނުގެ އަސަރު ކުރާނެކަމަށް ބެލެވޭ ސަރަހައްދުގެ ސްކޫލްތަކާއި ކޮލެޖުުތައް ބަނދުކޮށް އެސަރަހައްދުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަފަޅުތަށް އަޅައިފައެވެ. އެގޮތުން އަސްކަރިއްޔާ، އަދި ޑިޒާސްޓަރ ރެސްޕޮންސް ޓީމްތަކުން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ތޫފާން ވާޔޫގެ ބާރު އިތުރަށް ގަދަވަމުން ގޮސްދާނެކަމުގެ ބިރުހީވެފައިވާއިރު މޫސުމާބެހޭ ފަރާތްތަކުން ވަނީ މިއީ ކެޓަގަރީ 2ގެ ތޫފަނެއްކަމަށް ބުނެ ރައްކާތެރިވުމަށް އިންޒާރު ދީފައެވެ.
އެންމެ ފުރަތަމަ ތޫފާން ވާޔޫ އަރާނެކަމަށް ބެލެވޭ އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އައްސޭރިފަށަށް މީހުން ނުދިއުމަށް ވަނީ އިންޒާރު ނެރެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާ ސަރުކާރުން ތޫފާނުގެ ކަންކަން ވަރަށް ގާތުން ބަލަމުން ދާކަމަށް ބުނެފައެވެ.