ޒިންމާދާރު ރައްޔިތުން ބިނާކޮށް ގައުމީ ރޫހާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ކައުންސިލެއް އުފެއްދުމަށް ހޯމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ ޔޫތް ލީޑާސް ނެޓްވޯކުގެ މިއަހަރު ކުރިއަށްގެންދާ ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ ފަށަން ހަމަަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި. ކޮލެޖް އަދި ޔުނިވާސިޓީތަކުން 150 ދަރިވަރުން ބައިވެރިވާ މި ފޯރަމް މާދަމާރޭ ކުރިޔަށް ގެންދަން ނިންމާފައި ވަނީ ހުޅުމާލޭ ހުރަވީ ސްކޫލްގައެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދާ މި ފޯރަމްގައި ސެޝަންތައް ނެގުމަށް ހަމަޖެހިފައިވަނީ ''ތަހައްމަލުކުރުމުގެ ސަގާފަތް - މުޖުތަމައުގެ ހަމަޖެހުން'' ޝިއާރަށް އަމާޒުކޮށެވެ. އެގޮތުން ތަފާތު ހަ ދާއިރާއަކުން ތަޖުރިބާކާރު ބޭފުޅުން މައުލޫމާތު ހިއްސާކުރައްވައި، މި ފޯރަމްގެ ތެރެއިން މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިހާތަނަށް އައްޑު އަތޮޅާއި ފުވައްމުލަކާއި، ހދ. ކުޅުދުއްފުއްޓާއި، ލ. ގަމާއި ދ. ކުޑަހުވަދޫއާއި ގއ. ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ޔޫތް ލީޑާސް ނެޓްވޯކުން ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހު ހޯރަފުށީގައެވެ.