ޚަބަރު

ދާލަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ދާލަން" އެކްސްޕޯ ޑިޖިޓަޕް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

ދާލަން އެކްސްޕޯއަކީ ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަނުން އިންތިޒާމު ކޮށްފައިވާ އެކްސްޕޯއެކެވެ. އެ އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށް ހުޅުމާލޭގައެވެ.

ދާލަން އެކްސްޕޯގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި މުއައްސަސާތައް، ޔުނިވާސިޓީތަކުގެ އިތުރުން ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގައި އެންމެ ބޮޑު އެއް އިސްކަމެއް ދީފައިވަނީ ޒުވާނުން ބާރުވެރި ކުރުވުމަށް ކަމަށެވެ. އަދި ބުނީ ދާލަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ދާލަން އެކްސްޕޯގައި ދިރާގުގެ ސްޓޯލެއް ވެސް ހުންނާނެއެވެ. ދިރާގުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން އެ ސްޓޯލުން މައުލޫމާތު ލިބޭނެއެވެ. އަދި ދިރާގުން ކުރިއަށްގެންދާ އެޕްރެހަންޝިޕް ޕްރޮގްރާމާ ގުޅޭ މައުލޫމާތު ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ދާލަން ފަދަ އެކްސްޕޯތަކަށް ދިރާގުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.