އެމްއެންޑީއެފް

ފީނަން އުޅުމުގެ ތެރޭގައި ހަބަރެއް ނުވެގެން ހޯދަމުންދިޔަ މީހަކު ފެނިއްޖެ

ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ހަބަރެއް ނުވެގެން ހޯދަމުންދިޔަ މީހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން މިރޭ ހޯދައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭގޮތުގައި ސ. ހިތަދޫ، ފެހިވިނަ، އިބްރާހިމް ޝަކީބްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓް ލިބިފައިވަނީ މިރޭ 23:14 ހާއިރެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި ޝަކީބު ހޯދުމުގެ މަސައްކަތަށް ވަނީ ފުރާފައިވާ ކަމަށާއި އޭނާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހާބަރ ޕެޓްރޯލަށް އޭނާ ފެނިފައިވަނީ މިރޭ 23:39 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އޭނާ ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން އެއް މޭލު ބޭރުންނެވެ.

އެ ހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި އޭނާ ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާ ދިމާނުވެ އޮޔާ ދިއުމުގެ ސަބަބުންނެވެ. އެ ހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.