ކޮޅިގަނޑެއްގައި ހދ. ކުޅުދުއްފުށީގައި ހަތަރު ގެއަކަށް ގެއްލުންވެއްޖެއެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރު 1:00 ހާއިރު އައި ކޮޅިގަނޑެއްގައި އެރަށު އުތުރު އަވަށުގެ ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.
ލަތީފު ވިދާޅުވީ އެއްގެއެއްގެ އެއް ފުރާޅު އެއްލައިލައި އެގޭގެ ސީލިންގަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. އަދި ބަނބުކެޔޮ ގަހެއް ގެއެއްގެ ފުރާޅު މައްޗަށް ވެއްޓި، ޖެހިގެން ހުރި ގެއަށްވެސް ގެއްލުންވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް މީހުންނަށް ދިރިނޫޅެވޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވެސް މިއަދު ބުނެފައިވަނީ ކޮޅިގަނޑެއްގައި ކުޅުދުއްފުށީ ހަތަރު ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން ބަނބުކެޔޮ ގަހެއް ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުމުގެ އިތުރުން ގެއެއްގެ ފުރާޅު އެއްލައިލާފައިވާ ކަމަށް ބުންޏެވެ.
އެހެންކަމުން އެރަށު ކައުންސިލާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ޕޯސްޓުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ދަނީ ގެއްލުންވަމުންނެވެ. މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މިއަދު ވަނީ ހއ. އަތޮޅުން މާލެ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ.