މޮޅު ކުޅުމަކާއެކު ނެދަލެންޑްސް ބަލިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އިން ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އަމިއްލަ ގައުމުގައި ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސްގެ މައްޗަށް ޕޯޗުގަލް އިން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެ ހާފުގައި ވެސް ޕޯޗުގަލް އިން ނުރައްކާތެރި ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި ކެޕްޓަން ރޮނާލްޑޯއާއި ބްރޫނޯ ފެނާންޑޭޒް އަދި ހޯސޭ ފޮންޓޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ނެދަލެންޑްސްގެ ކީޕަރު ޖެސްޕާ ސިލެސަންއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސްއަށް ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެފައެއް ނުވެއެވެ. އެ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލެންޑްސް އިން ލަނޑެއް ޖަހައި ލީޑު ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ފޮނުވާލި އެ ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީޝިއޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗަށް ނުކުތް އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރަމުންދިޔައީ ނެދަލެންޑްސްގެ އެންމެ ފަހަތުން ކުޅޭ ލިވަޕޫލްގެ ވާޖިލް ވެން ޑައިކްއާއި މަތައިސް ޑި ލައިޓްގެ ޕާޓްނާޝިޕެވެ. އެ ޑިފެންސް ލައިނާއި ބާސެލޯނާގެ ބަދަލު ކީޕަރު ސިލެސަންގެ ކުރިމަތިން ޕޯޗުގަލްގެ ގޮންކާލޯ ގުއެޑޭސް، ނެދަލެޑްސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ މެޗުގެ 60 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުންނެވެ.
ޕޯޗުގަލް އިން ލީޑު ހޯދިތާ ހަ މިނެޓު ފަހުން ނެދަލެންޑްސްއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވެން ޑި ބީކް ނަގައިދިން ހުރަހަކުން ޑެޕާއީ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީޝިއޯއެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ޕޯޗުގަލަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ސިލެސަން ވަނީ ދިފާއުކޮށްފައެވެ.
މިއީ ޕޯޗުގަލް އިން ތިން އަހަރު ތެރޭ ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. މީގެ ކުރިން ޕޯޗުގަލް އިން ޔޫރޯ 2016 ކާމިޔާބުކުރީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. ޕޯޗުގަލް އިން ކާމިޔާބުކުރި ޔޫއެފާ ނޭޝަންސް ލީގަކީ ޔޫރަޕްގެ ގައުމުތަކަށް ހާއްސަކޮށްގެން ޔޫއެފާ އިން އަލަށް ތައާރަފުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.