ދުނިޔެ

ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ.

ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަގެ ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިސްވެ އޮވެ އުފައްދާފައިވާ ސަރުކާރުގެ ކޯލިޝަނުން ލަންކާގެ ރައީސް ސިރިސޭނާ ނިސްބަތްވާ ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ވަކިވުމަށް ވަނީ ނިންމައިފައެވެ.

އެ ނިންމުން ނިންމިތާ މާ ގިނައިރުތަކެއް ނުވަނީސް ސިރިސޭނާ ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ދުރުކޮށް، އެ މަގާމަށް ރާޖަޕަކްސަ އައްޔަންކޮށްފައެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވި އިންތިހާބުގައި ރައީސްކަމަށް ސްރިސޭނާ އިންތިހާބުވުމާއެކު، އޭނާ އިންތިހާބު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްދެއްވި ޔޫއެންޕީގެ ލީޑަރު ރަނިލް އައްޔަންކުރިއެވެ. އެ އިންތިހާބު ސިރިސޭނާ ކާމިޔާބުކުރެއްވީ މިހާރު ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ރާޖަޕަކްސައާ ވާދަކޮށްގެންނެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވަކިކޮށްފައިވަނީ ސިރިސޭނާއާއި ރަނިލްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭތާ ދުވަސްތަކެއް ފަހުންނެވެ.

ލަންކާގެ ބައެއް މީޑިއާތަކަށް ރަނިލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މަގާމުން ދުރުކޮށް ރާޖަޕަކްސަ އެ މަގާމަށް އައްޔަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދިވެސް ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވީ އޭނާ ކަމަށެވެ.