ޝަހީދާ އަބްދުﷲ ސައީދު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އިހަވަންދޫން ބޮޑު ގަހެއް ވެއްޓި، އެއަތޮޅު ދިއްދޫ ހަރުގެ އެއްގެ ފުރާޅު އެއްލާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން ހއ. އިހަވަންދޫގައި ފަޅު ގޯއްޗެއްގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 11:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އަދި މިއަދު 10:35 ހާއިރު ހއ. ދިއްދޫ ކުނިގޮނޑު ސަރަހައްދުގައި ހުރި ހަރުގެއެއްގެ ފުރާޅު، އެހަރުގެ ކައިރީގައި އޮތް ލޯންޗެއްގެ މައްޗަށް އެއްލައިލާފައިވާކަމަށް ފުލުހުން ބުންޏެވެ. މި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ބާރުވެ ބައެއް ރަށްރަށަށް އުދަ އަރާފާނެކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ދީފައެވެ.