ގޯލްޑަން ފުޓްސަލް ޗެލެންޖް

ވަށަފަރާއި މާރަންދޫގެ އިތުރުން ކެލައިންވެސް އަތޮޅު ސެމީގެ އުންމީދު ބޮޑުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅުގައި ރޭ ކުޅުނު މެޗުތައް، މާރަންދޫއާއި ކެލާގެ އިތުރުން ވަށަފަރުން ކާމިޔާބުކުރި އިރު، އުތީމާއި އިހަވަންދޫ އެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗަކީ ހއ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. ހއ. އަތޮޅުން 10 ޓީމު ވާދަކުރަމުންދާ އިރު، ދެ ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ.

ހއ. އަތޮޅު ގްރޫޕް އޭގައި ރޭ މާރަންދޫން ހޯރަފުށި ކައިރިން 3-0 އިން މޮޅުވި އިރު، އެ ނަތީޖާއާއެކު ހޯރަފުށި ވަނީ ކަޓައިފައެވެ. އޭގެ އިތުރުން އެ ގްރޫޕްގެ ފިއްލަދޫން ރޭ ކެލާ ކައިރިން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

ހޯރަފުށި ކޮޅަށް މާރަންދޫގެ ގޯލުތައް ޖެހީ އާދަމް ހަބީބާއި ހަމްދޫން އަބްދުލް ލަތީފް އަދި ހުމައިދު ހުސައިނެވެ. މެޗުގެ ތެރެއިން ހޯރަފުށީގެ ގޯލްކީޕަރު އިސްމާއިލް އައިޝް ޝްރީފް ކުރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

ކެލާއިން މޮޅުވި މެޗުގައި މަމްދޫހު އަބްދުލް ގާދިރު ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ގާސިމް އަތޫފާއި އަހުމަދު އިނާދެވެ.

މިހާތަނަށް ދެމެޗުން ހަ ޕޮއިންޓާއެކު ކެލާ ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، މާރަންދޫ ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ބާރަށުން ދެމެޗުން ތިން ޕޮއިންޓް ހޯދައި، ތިންވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި ހޯރަފުށި އޮތީ ތިން މެޗުން އެއް ޕޮއިންޓާއެކުގައެވެ. ފުލުގައި ފިއްލަދޫ އޮތީ ދެމެޗުން އެއް ޕޮއިންޓާއެކުގައެވެ.

އެ އަތޮޅު ގްރޫޕް ބީގެ ފޯރިވެސް ގަދަވެފައިވާ އިރު، ވަށަފަރުން ދެވަނަ މޮޅަކާއެކު ސެމީގެ އުންމީދު ބޮޑުކުރީ ރޭ މުރައިދޫ ކައިރިން 4-1 އިން މޮޅުވެގެންނެވެ. ދެން އެ ގްރޫޕުގައި ކުޅުނު ފޯރިގަދަ މެޗުގައި، އިހަވަންދޫ ކައިރިން އުތީމު އަތުން ފަހުވަގުތު ލީޑު ގެއްލިގެން އެއްވަރުވީ 3-3 އިންނެވެ.

ވަށަފަރާއި މުރައިދޫ ރޭ ވާދަކުރި މެޗުގައި ވަށަފަރުގެ ގޯލުތައް ޖަހައިދިނީ އަހުމަދު މާއިޝް ރަޝީދާއި އިބްރާހީމް ސަނޫން އަދި އިބްރާހީމް އަތީގު ހަސަނެވެ. މާއިޝް މެޗުގައި ދެ ގޯލު ޖެހިއެވެ. މުރައިދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ނައުފަލެވެ.

އުތީމާއި އިހަވަންދޫ މެޗު ފޯރިގަދަވެގެން ދިޔަ އިރު، އެމެޗުގައި ފުރަތަމަ އުތީމުގެ އަހުމަދު އައިހަމް ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ. އެ ގޯލާއެކު އުތީމު ގިނަ ވަގުތު ލީޑު އޮތް އިރު، އެޓީމުގެ މުހައްމަދު މަޒީނަށް ރަތް ކާޑު ދައްކައިގެން ކުޅުންތެރިޔަ މަދުކޮށް ކުޅެމުން ގޮސް އައިހަމްގެ ދެވަނަ ގޯލަކާއެކު ލީޑު ފުޅާކުރިއެވެ.

އޭގެފަހުން އަހުމަދު ޒަޔާން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އިރު، އުތީމުން ރަޝްވާން އިބްރާހީމް މޫސާ ޖެހި ގޯލަކުން އަނެއްކާވެސް ފަރަގު ބޮޑުކުރިއެވެ. މެޗުގެ ފަހުކޮޅަށް ގޮސް، އުތީމުގެ ރިޝްވާނަށްވެސް ރަތް ކާޑު ދެއްކި އިރު، ޒަޔާން އިތުރު ގޯލެއް ޖަހައި ޕްރެޝަރު ކޮށްލިއެވެ. އެ ގޯލާއެކު ފޯމުގައި އޮތް އިހަވަންދޫން އެއްވަރުކުރީ ކީޕަރު މުހައްމަދު ރިޝްފާން ކުރިއަށް އަރައި ޖެހި މޮޅު ގޯލުންނެވެ.

ގްރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ ވަށަފަރެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ އަތޮޅު ޗެމްޕިއަން ދިއްދޫ، އެ ގްރޫޕްގެ ދެވަނައިގައި ދެމެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، މުރައިދޫ ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. އުތީމަށް ދެމެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، އިހަވަންދުއަށް ދެމެޗުން ލިބުނީ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: އދ. ދަނގެތި - އދ. ހަންޏާމީދޫ
ގްރައުންޑް 2: އދ. މަންދޫ - އދ. މަހިބަދޫ

17:00
ގްރައުންޑް 1: ރ. އަލިފުށި - ރ. ރަސްގަތީމު
ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުފާވަރު

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ކ. ހިންމަފުށި - ކ. ދިއްފުށި
ގްރައުންޑް 2: ކ. މާފުށި - ކ. ގާފަރު

21:00
ގްރައުންޑް 1: ކ. ތުލުސްދޫ - ކ. ގުޅި
ގްރައުންޑް 2: ކ. ގުރައިދޫ - ކ. ކާށިދޫ

22:00
ގްރައުންޑް 1: ތ. ވިލުފުށި - ތ. ކިނބިދޫ
ގްރައުންޑް 2: ތ. ތިމަރަފުށި - ތ. ދިޔަމިގިލި

23:00
ގްރައުންޑް 1: ތ. ހިރިލަންދޫ - ތ. ބުރުނި
ގްރައުންޑް 2: ތ. ކަނޑޫދޫ - ތ. ގާދިއްފުށި