ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އިގުތިސާދީ ނަޒަރިއްޔާތަކުން ބެލިޔަސް އިހަވަންދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނަން ޖެހޭ ކަމަށާއި އެއީ އުތުރުގެ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގެ ކޮންސެޕްޓުގައި އެ ސަރަހައްދު ހިމެނިގެންވާ ތަރައްގީގައި ވެސް މުހިންމު ކަމެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު މި އިއުލާންކުރި 100 ހައުސިން ޔުނިޓުކަމަށް އޭގައި އޮންނާނީ، އެހެންނަމަވެސް އަޅުގަނޑު އޮންނާނީ ނިންމާފައި 200 ހައުސިން ޔުނިޓު އަޅުގަނޑުމެން އެވޯޑު ކުރާ އިރު، ނޫނީ އޭގެ ބިޑިން ޕްރޮސެސްގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާނީ މިވަގުތަށް 200 ހައުސިން ޔުނިޓު އެޅުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އެއީ ފުރަތަމަ މިވަގުތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބޮޑު ރަށްރަށާއި، އިގުތިސާދީ ކަންކަން ބޮޑަށް ހިނގާ ރަށްރަށާއި ކުދި ރަށްރަށުގައި އަދި ތޮއްޖެހިފައި ހުރި ހުރިހާ ރަށެއްގައި ވެސް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ހައްލުކުރުން ކަމަށްވާތީ މިފަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށާއި އެ މަޝްރޫއުތައް ފަށަން މިހާރު އިއުލާންކޮށްފައިވާނެ ކަމަށެވެ.
"މުޅި ރާއްޖޭގެ އެކި ރަށްރަށުގައި އަޅުގަނޑު އޭރު ވީ ވައުދުތަކުގައި ހިމެނޭނެ 12،000 އެތައް ހައުސިން ޔުނިޓެއް، އެކި ރަށްރަށުގައި ވީ ވައުދުތައް. އެހެންވީމާ މިހާރު އިއްޔެ އެއޮތީ އިއުލާންކޮށްފައި ކޮންޓްރެކްޓަރުން ހޯދުމަށް. މި ހުރިހާ މަޝްރޫއުތަކެއް ހިންގުމަށް އަޅުގަނޑު ބަޖެޓުގައި ހިމެނިން 1500 މިލިއަން ރުފިޔާ މި މަޝްރޫއުތައް ފަށަން. ދުވަހަކު ރާއްޖޭގެ ތާރީހުގައި ގައިމުވެސް އަދި މިއަދާ ހަމައަކަށް އެއް އަހަރެއްގެ ބަޖެޓުގައެއް ހައުސިންއަށް އެކަނި ނެތް މިހާ ބޮޑު އަދަދެއް ހިމަނައިފައެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓަރުން ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައެވެ.
ފިނޭންސުން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލު އަދި މާލިއްޔަތު ގަވާއިދުގެ ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއަށް ހުޅުވާލާ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ޕްރީ-ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިން ލިސްޓުގައި ހިމެނުމަށް ޝައުގުވެރިވާ ބީލަންވެރިން، [email protected] މެއިލް ކުރުމަށް ފިނޭންސުން ވަނީ އެދިފައެވެ.