ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއެކު މިއަދު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ، މިއަދު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ދިވެހި ބަހުން މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ހުރިހާ ގުޅުމަކާއި ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
އަދި އިތުރު ޓުވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިގުތިސޯދީ، ސަގާފީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
މިއަދު ބޭއްވެވި މިބައްދަލުވުމަށްފަހު ދެގައުމުގެ މެދުގައި ވަނީ ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދާއިރާތަކުގެ ތެރޭގައި، ޑިފެންސް، ސިއްހަތު، ފެރީގެ ނިޒާމާއި، ކަސްޓަމްސް ތަރައްގީކުރުން، ސިވިލް ސާވަންޓުން ތަރައްގީ ކުރުމުގެ އިތުރުން، ޝިިޕިންގް މައުލޫމާތު ބަދަލުކުރުމުގެ ދާއިރާ ހިމެނެއެވެ.
ދަތުރުފަތުރުގެ ނިޒާމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެއްވި އިރު މިއެއްބަސްވުމުގެ ދަށުން އިންޑިއާގެ ކޮޗިންނާއި ހދ. ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ފެރީގެ ހިދުމަތް ދެވޭނެއެވެ.
އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެސް ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފައެވެ. މިއީ ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުމަކާއި، ކަސްޓަމްސް ތަރައްގީ ކުރުމުގެ އެއްބަސްވުމެކެވެ.
ދެގައުމުގެ މަސްލަހަތާ ގުޅޭ ބައިނަލްއަގްވާމީ މައްސަލަތަކާ މެދުވެސް މި ބައްދަލުވުމުގައި ދެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އިރު، މިހާރު ދެގައުމު ގުޅިގެން ހިންގާ މަޝްރޫއުތަކާއި މެދު ވެސް މަޝްވަރާ ކުރައްވައިފައިވެއެވެ.
މޯދީގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރެއްވިއެވެ. މަޖިލީހުގެ ތަގުރީރަށްފަހު މަޖިލީހުގެ ރައީސް ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ކޮޕީއެއް މޯދީއެއް ވަނީ އަރުވާފައެވެ.
އަދި މޯދީއަށް ރާއްޖެއިން ވަނީ، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އަރުވާފައެވެ.
މޯދީ އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.