ޝަހީދާ އަބްދުﷲ ސައީދު
ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އިންޑިއާއިން އެހީތެރިވެދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވަމުން، ދެ ގައުމުގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މޯދީގެ ވާހަކަފުޅުގައި ހިންދީ ބަހާއި ދިވެހި ބަހުގައި އެއްގޮތް ބަސްތަކެއް ހުރިކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހިރާއްޖޭގެ ގަދީމީ ފަތްފުށް ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، އަދި ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ އިންޑިއާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ގުޅުންތަކުގެ ތަނބަކީ ހަމަ އެކަނި ދެ ގައުމުގެ ސަރުކާރު ނޫން ކަމަށާއި މި ގުޅުންތަކުގެ ލޭނާރަކީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުންތައްކަމަށް ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ އިންޑިއާއަށް އެންމެ މުހިންމީ އަވަށްޓެރިން ކަމަށާއި އަދި އެންމެ އިސްކަން ދޭނީ ވެސް އަވަށްޓެރިންނަށް ކަމަށެވެ. އެގޮތުން މޯދީ ވިދާޅުވީ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އިންޑިއާ އިން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް ކަމަށެވެ.
ސައުތު އޭޝިއާގެ އިތުރުން އިންޑޯ ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން އިންޑިއާއަށް އޮތް ޒިންމާ ފާހަގަކުރައްވައި، މޯދީ ވިދާޅުވީ އެގުޅުން ގާއިމްކުރުމުގައި ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެއަކީ ރަހުމަތްތެރިއެއް ކަމަށާއި، ރަހުމަތްތެރިކަމުގައި ބޮޑު ކުޑަ މިނަށް ބަލަންނުޖެހޭކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މޯދީގެ ވާހަކަފުޅުގައި އިންޑިޔާއަށް ލިބިފައިވާ ބާރާއި، ގާބިލިއްޔަތު ބޭނުން ކުރާނީ ހަމަ އެކަނި އިންޑިޔާގެ ކުރިއެރުމާއި ސަލާމަތީ ކަންކަމަށް އެކަނި ނޫން ކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މޯދީ ވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން މޯދީއަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މޯދީ ވަނީ މަޖިލީހުގެ އިދާރާގައި އޮންނަ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
އަދި މޯދީއަށް ހަދިޔާއެއްގެ ގޮތުގައި، ރާއްޖޭގައި ފުރަތަމަ އެކުލަވައިލެވުނު ގާނޫނު އަސާސީގެ ކޮޕީއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަރުވާފައެވެ. މިއީ 1932 ވަނަ އަހަރު، އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (ތިންވަނަ) ރަދުންގެ ރަސްކަމުގައި އެކުލަވައިލެވުނު ގާނޫނު އަސާސީއެވެ.