ދުނިޔެ

ގްރީސްގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މުހައްމަދު އައުޒަމް

މެގްނިޓިއުޑް 6.8ގެ ބާރުގަދަ ބިންހެލުމެއް ގްރީސްގެ އައްސޭރިފަށަށް އަތުވެއްޖެއެވެ.

ގްރީސްގެ އައްސޭރިފަށުގައިވާ ޒަންޓެ އަދި ކެފަލޯނިއާއާ 22 މޭލު ބޭރުން ކަނޑުގެ 10 މޭލު އަޑިއަށް އައި މި ބިންހެލުމުގެ ލޮޅުން 500 މޭލަށް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ޒަންޓެ އަދި ކެފަލޯނިއާގެ އާންމުންނާ ހަވާލާދީ އޮފިޝަލުން ވަނީ ސުނާމީގެ އަސަރު ކުރިކަމަށް ވެސް ބުނެފައެވެ. 15 ސެންޓިމީޓަރާއި 20 ސެންޓިމީޓަރާ ދެމެދުގެ އުސްމިނުގެ ރާޅު އުފެދުނުކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ބިންހެލުމުގެ ސަބަބުން ޒަންޓެ އަދި ކެފަލޯނިއާގެ ބައެއް ހިސާބުތަކަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނުލިބެއެވެ. ފުރަތަމަ އައި ބާރުގަދަ ބިންހެލުމަށް ފަހު ކުދިކުދި ލޮޅުން އަންނަ ކަމަށް ވެސް ރިޕޯޓު ތަކުން ހާމަކުރަމުން ދެއެވެ.

ގްރީސް ހިމެނޭ ސަރަހައްދަކީ ބިންހެލުން ތިޔާގި ސަރަހައްދެކެވެ. އަހަރަކު އެތަކެއް ބިންހެލުން ތަޖުރިބާ ކުރާ ޒަންޓެ އަދި ކެފަލޯނިއާގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައެވެ. އެގޮތުން އެ ރަށްރަށުގައި އިމާރާތްކުރާ ގެތައް ވެސް ހުންނަންޖެހޭނީ ވަކި މިންގަނޑަކަށެވެ.