ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ތަގުރީރު ކުރައްވަން ފައްޓަވައިފިއެވެ.
މިހާރު މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި މޯދީ ތަގުރީރު ކުރައްވަމުން ވިދާޅުވީ، މިއީ ރާއްޖެއަށް އެމަނިކުފާނު ކުރައްވައި ދެވަނަ ދަތުރުފުޅު ކަމަށާއި އެއް ގޮތަކުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ތާރީޚީ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވާ ދެވަނަ ފަހަރު ކަމަށެވެ.
މޯދީ ވިދާޅުވީ މިދިޔަ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލު ވެވަޑައިގެން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިޔާތުގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
މޯދީ ވިދާޅުވީ ދިވެހިރާއްޖޭގެ އާންމު ރައްޔިތުން ޑިމޮކްރަސީއަށް ދީފައި އަހައްމިއްޔަތާއި އިއްޒަތްތެރި ރައީސް ފަދަ ލީޑަރުންނަށް ރައްޔިތުންގެ ހިތްތަކުގައިވާ ލޯބި އެ ދުވަހު ފެނިވަޑައިގެންނެވި ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނުގެ ސަރުކާރުގެ އުސޫލީ ފަލްސަފާއަކީ، ''ހުރިހާ އެންމެން ގުޅިގެން. ހުރިހާ އެންމެންގެ ތަރައްގީއަށް. ހުރިހާ އެންމެންގެ އިތުބާރާއެކު.'' މި ފަލްސަފާ ކަމަށެވެ.
އަދި އެ ފަލްސަފާއަކީ ހަމަ އެކަނި އިންޑިޔާއަށް އޮތް އެއްޗެއް ނޫން ކަމަށާއި މިއީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ވެސް ބިންގާ ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ އަވަށްޓެރީންނާ އެކު ކުރިޔަށް ދިއުމުގައި އެންމެ ފުރަތަމައަށް އަވަށްޓެރީންނަށް އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މޯދީގެ ވާހަކަފުޅުގައި މަޖިލިސް ކުރާ ގެއަކީ ތަފާތު ފިކުރުތަކާއި ޕާޓީތަކުން ގުޅިގެން ޑިމޮކްރަސީއާއި ގައުމީ ތަރައްގީއާއި ސުލްހައަށްޓަކައި އެއް މިސްރާބަކަށް އަމާޒު ސީދާކުރާ ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރައްވަމުން ދަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދިވެހިރައްޔިތުން ގުޅިގެން މުޅި ދުނިޔެއަށް ދައްކައިދިން ރީތި މިސާލާ އެއް ގޮތް ވާ ގޮތުގެ މަތީން ކަމަށްވެސް މޯދީ ވިދާޅުވިއެވެ.