ނަރެންދްރާ މޯދީ

ދެ ގައުމު ތަރައްގީވާން ވިސްނަންވީ އިންސާނީ ތަރައްގީއަށް އިސްކަން ދީގެން: މޯދީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއާއި އިންޑިއާ އާއި ދެގައުމުން ތަރައްގީވުމަށް ވިސްނަންވީ އިންސާނީ ތަރައްގީއަށް އިސްކަން ދީގެން ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ދެ ގައުމުގެ ޖޮއިންޓް ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯދީގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިވާން ތައްޔާރަށް އޮތް ގައުމެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއް ނުވަތަ އެހީއަކަށް ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އިންޑިއާ އެންމެ ކުރީ ސަފުގައި އޮވެ އެހީތެރިވަމުން ގޮސްފައިވާނެ ކަމަށާއި އަދި އެހީވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އަބަދަށް ދެމިގެންދާނެކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، ރާއްޖެއާއި ދެމެދު އެއްބަސްވެފައިވާ ކްރެޑިޓް ފެސިލިޓީގެ ސަބަބުން އެތައް މަޝްރޫއެއް ފެށޭނެ ކަމަށެވެ.

އަދި މީގެއިތުރުން މޯދީއަށް ނިޝާން އިއްޒުއްދީން ގެ ލަގަބު އެރުވުމުގެ ސަބަބުން ދެ ގައުމުގެ ގާތް ގުޅުން ހާމަކޮށްދޭ ކަމަށާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު ދިވެހި ސަރުކާރުން އެރުއްވުމަކީ މުޅި އިންޑިއާއަށްވެސް ލިބިގެން ދިޔަ އުފަލެއް ކަމަށް މޯދީ ވިދާޅުވިއެވެ.

ދިވެހި ބަހުން މޯދީ ވިދާޅުވެފައިވަނީ ''ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން އަބަދަށް'' ދެމިއޮންނާނެ ކަމަށެވެ.