ނަރެންދްރާ މޯދީ

އިންޑިއާއިން ދިން ރާޑަރު ސިސްޓަމްތައް އިފުތިތާހުކޮށްދެއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ރާޑަރު ސިސްޓަމްތައް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ރާޑަރު ސިސްޓަމްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބެލެހެއްޓުމަށް އިންޑިއާ ސަރުކާރުން ދީފައިވާ 10 ރާޑަރު ސިސްޓަމަކީ ސްރީލަންކާ، އިންޑިއާ، އަދި މޮރިޝަސް، ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި އެއް ވިއުގަ އަކުން ގުޅާލެވޭނެ ނިޒާމެކެވެ.

މީގެއިތުރުން މޯދީ ވަނީ ޅ. މާފިލާފުށީގައި ގާއިމްކުރި އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިންގެ ސެންޓަރު ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.

ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުން ސިފައިން ތަމްރީންކުރަން އެހީތެރިވެދޭނެއެވެ. މިއީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ ޓްރެއިނިން ސެންޓަރެކެވެ.

މީގެއިތުރުން އިންޑިއާ އިން ދިވެހި ސަރުކާރާ ދެމެދު ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

ބޮޑުވަޒީރު މޯދީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއެކު އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި މިވަނީ ރާއްޖެއަށެވެ. މިދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުން ވަނީ ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ.