ދުނިޔެ

ެ

މުހައްމަދު އައުޒަމް

އިތިއޯޕިއާގެ ރައީސާ ކަމަށް ފުރަތަމަފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކޮށްފިއެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބިއްޔީ އެގައުމުގެ ފުރަތަމަ ރައީސާ ކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ އުމުރުުންފުޅުން 68 އަހަރުގެ ސަހްލެ ވޯކް ޒިވްޑެ އާއެވެ. ސަހްލެ އަކީ ކުރީން އ.ދ ގެ މައި އިދާރާގައި އަދި ޕީސް ކީޕިންގ އޮޕަރޭޝަން ތަކުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފް އޭނާގެ ޓްވިޓާގައި ވިދާޅުވީ ވަނީ އިތިއޯޕިޔާ ފަދަ ފިރިހެނުންގެ ބާރު ގަދަވެފައިވާ ގައުމެއްގައި އަންހެނުން މަތީ މަގާމު ތަކަށް އައްޔަން ކުރުމުން މުސްތަގުބަލުގައި ގައުމުގެ މިސްރާބު ރަނގަޅު ކުރެވިގެން ދާނެ ކަމަށާއި ގައުމުގައި ނިންމާ ބޮޑެތި ނިންމުން ތަކުގައި އަންހެނުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ބޮޑުވަޒީރު އަބިއްޔީގެ ކެބިނެޓުގައި ވެސް ދެބައިކުޅަ އެއްބައި މިނިސްޓަރުންނަކީ އަންހެން ބޭފުޅުންނެވެ. ރައީސް ކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކޮށްފައިވާއިރު ކެބިނެޓުގެ ބާރުގަދަ މަގާމުތަކަށް ވެސް އަބިއްޔީ އައްޔަން ކުރައްވައިފައި ވަނީ އަންހެން ބޭފުޅުންނެވެ.

އަބިއްޔީ ވަނީ ދައުލަތުގެ އެންމެ ބޮޑެތި މަގާމް ތަކަށް ވެސް އަންހެން ބޭފުޅުން އައްޔަންކުރައްވަން އިސްކަން ދެއްވައިފައެވެ. އެގޮތުން ޑިފެންސް މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ޕީސް އަށް ވެސް އައްޔަން ކުރެއްވީ އަންހެން ބޭފުޅުންނެވެ.

އިތިއޯޕިއާގެ ޕީސް މިނިސްޓަރަކީ އެގައުމުގެ އެންމެ ބާރުގަދަ މިނިސްޓްރީއެވެ. އެޤައުމުގެ ސެކިއުރިޓީ އާއި އިންޓެލިޖެންސް ގެ މަސައްކަތްތަކުގެ އިތުރުން ފުލުހުންގެ މުއައްސަސާ އަކީ ވެސް މިނިސްޓްރީ އޮފް ޕީސް ގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ.

އިތިއޯޕިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބިއްޔީ ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ކޮރަޕްޝަންގެ މައްސަލަތައް މަދުބައެކެވެ. އަދި މިއީ ޤައުމަށް ހަމަޖެހުން ލިބުމާއި އަމާންކަން ލިބޭނެ ކަމެއްކަމަށް އަބިއްޔީ ވިދާޅުވިއެވެ.