މިނިސްޓަރު ޒަހާ ވަހީދު

ކަނޑުތަކުގެ ދުވަހަކީ ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރަން ލިބޭ ފުރުސަތެއް: ޒަހާ

މަރިޔަމް ޝަހުދާ

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ވޯލްޑް އޯޝަންސް ޑޭ އާއި ދިމާކޮށް މިނިސްޓަރ ޒަހާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަނޑުތަކުގައި 800 އަށް ވުރެ ގިނަ ބާވަތްތަކުގެ މުރަކައާއި 1000 އަށްވުރެ ގިނަ އެކި ވައްތަރުގެ މަސް ދިރިއުޅޭ އިރު، ކަނޑުގެ ދިރުންތަކަކީ އެތައް ބަޔެއްގެ ކާނާގެ އިތުރުން ރައްކާތެރިކަމަށް މުހިއްމު ވަސީލަތެއްކަމަށެވެ.

އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫޒް ޕްލާސްޓިކް) އަދި މައިކްރޯ ޕްލާސްޓިކް ކަނޑުތަކަށްދާ މިންވަރު މަދު ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އަދި ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ޒަހާ ފާހަގަކުރެއްވި ވެއެވެ.

ކޮންމެ އަހަރަކުވެސް ޖޫން 8ވަނަ ދުވަހު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ''ޖެންޑާ އެންޑް ދަ އޯޝަންސް'' އެވެ.