ނަރެންދްރާ މޯދީ

މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ ހިންދީ ބަހުން

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގައި މިއަދު އިރުއޮއްސި 6:45 ގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ޖަލްސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

''ވަން އޮންލައިން'' އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވަމު ގެންދަވާ ވަގުތު މަޖިލިސް ޗެމްބަރު ތެރެއިން މެންބަރުންނަށް މޯދީގެ ވާހަކަފުޅުގެ ތަރުޖަމާ ވަގުތުން ފެނިވަޑައިގަންނަވާނެ އިންތިޒާމް ހަމަޖައްސައިފައި ވާނެ ކަމަށެވެ. އަދި މި ޖަލްސާ މަޖިލީހުގެ އިދާރާއިން ލައިވް ސްޓްރީމް ކުރުމުގެ އިތުރުން ދައުލަތުގެ މީޑިއާއިން ވަގުތުން ދެއްކުމަށް ހަމަޖައްސައިފައިވާ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

މޯދީ އަކީ އާންމުގޮތެއްގައި ރަސްމީ ތަންތަނުގައި ހިންދީ ބަހުން ތަގުރީރު ކުރައްވާ ބޭފުޅެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މަޖިލީހުގައި ކުރައްވާ ތަގުރީރުގެ އިތުރުން ޕްރެސް ކޮންފަރެންސްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިންދީ ބަހުންނެވެ. މިއަދު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.