އައިޖީއެމްއެޗް

ހުކުރު، ނަމާދަށް ހުއްޓާ ވެއްޓުމުން، ނައިބު ރައީސް އެހީތެރިވެދެއްވި އަޝްރަފް ނިޔާވެއްޖެ

މިއަދު ހުކުރު ނަމާދަށް ހުއްޓައި ވެއްޓުމުން ނައިބު ރައީސް ފައިސަލް ނަސީމު އެހީތެރިކަން ފޯރުކޮށްދެއްވި އަޝްރަފް ސައީދު ނިޔާވެއްޖެއެވެ.

ޒިޔާރަތް މިސްކިތުގައި މިއަދު ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނީ ސ. ހިތަދޫ މޫންލައިޓްވިލާ، އުމުރުން 44 އަހަރުގެ އަޝްރަފް ސައީދު (އަސޯ) އެވެ. އޭނާ ވެއްޓުމުން ހޮސްޕިޓަލަށް ގެންދިއުމުގައި އެހީވީ މިސްކިތުގައި ހުކުރު ނަމާދަށް ވަޑައިގެން އިންނެވި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ހަށިފާރަވެރިންނެވެ.

އަޝްރަފް އެވަގުތު ހޮސްޕިޓަލަށް ގެންދިޔައީ ވެސް ނައިބު ރައީސްގެ ކާރުކޮޅުގައި އެމަނިކުފާނުގެ ހަށިފާރަވެރިންނެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަބްދުލް މުމީތު ވިދާޅުވީ އަޝްރަފް ނިޔާވީ ހޮސްޕިޓަލަށް ގެނެސް ޓެސްޓްތައް ހެދުމަށްފަހު ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު މެންދުރު ފަހު 3:30 ގައި ކަމަށް ވިދާޅުވިއެވެ.

އޭނާ ވެއްޓުނީ އަނބުރައިގަނެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަޝްރަފް ސައީދުގެ ކަށުނަމާދުކުރުން އޮންނާނީ މިރޭ ފަތިހު ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.