އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ މަސައްކަތް ނުކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވައިފިއެވެ.
އިބޫގެ ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ވޯޓުގެ ނަތީޖާ މިހާރު އޮތީ އެނގިފައި ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން މުޅި ރާއްޖެ އޮތީ ތައްޔާރަށް ކަން މަންޒަރުތަކުން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.
"އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވާލާނީ، އިންތިޚާބާ ކުޅެން ނޫޅުއްވާށޭ. އޮޅުވާލަން ކަންތައްތައް ކުރަން ދެން ނޫޅުއްވާށޭ. ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ކުރައްވައިގެން އެ ނަތީޖާ ބަދަލުކުރަން ވެސް، ކަމެއް ކުރަން ނޫޅުއްވާށޭ،" އިބޫ ވިދާޅުވިއެވެ.
ބަދަލުތަކެއް ގެންނަން އުންމީދުގައި ތިބި އެތަކެއް ރައްޔިތުން އާދީއްތަ ދުވަހު ގެއަށް ވަންނާނީ ވޯޓު ގުނައި ނިމުމުން ނަތީޖާއާއެކު،އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
އިބޫ ވިދާޅުވީ މިހާތަނަށް އިންތިހާބު އޮޅުވާލަން ކުރި ހުރިހާ ކަމަކާއި ނުފޫޒު ފޯރުވަން ކުރި ހުރިހާ ކަމެއް ގިރާކޮށްފައިވާނެ ކަމަށާއި މި އިންތިހާބަށް ރައްޔިތުން ކުރި މަސައްކަތުން މިނިވަން، އިންސާފުވެރި އިންތިހާބަކަށް ބޭނުންވެފައި ތިބި މިންވަރު ހާމަވެފައިވާ ކަމަށެވެ.