ނަރެންދްރާ މޯދީ

މޯދީގެ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަަހައްދެއް ބަންދުކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުން ބޮޑުތަކުރުފާނު މަގު މަސްވެރިންގެ ޕާކުން ފެށިގެން ގޮސް ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް ބަންދު ކުރާނެ އެވެ.

އެގޮތުން ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ޒޯންތަކުގައި މިރޭ 7:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ރޭ 12:00 އަށް ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ބަންދު ކުރާ ސަރަހައްދާއި ގްރީން ޒޯން ސަރަހައްދުގެ އިތުރުން މެދުޒިޔާރަތް މަގާއި އަމީރު އަހުމަދު މަގު ހިމެނެއެވެ.

ގްރީން ޒޯނާ އެކު އިންވެގެން ހުރި މަގުތައް ވެސް ބަންދުކުރުމަށް ނިންމާފައިވާއިރު، ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މޯދީ މާލެ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ސިނަމާލެ ބުރިޖު ވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

މިއީ މޯދީ ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރައްވައި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުގީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހުއެވެ.