ދުނިޔެ

ސައުދީ ރަސްގެފާނު ވަލީއަހުދު ބާރުތަކުން ދުރުކުރައްވައިފާނެ ކަމުގެ އަޑުތަކެއް

މުހައްމަދު އައުޒަމް

އަނިޔާވެރިކޮށް މަރާލައިފައިވާ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ފަހަތުގައި ސައުދީ ވަލީއަހުދް މުހައްމަދު ބިން ސަލްމާންގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ ބާރުތައް އަތުލުމަށް ބޮޑެތި ފިއްތުން ތަކަކާއި ސައުދީ ރަސްގެފާނަށް ކުރިމަތިފުޅުލައްވަން ޖެހިވަޑައިގެންފިއެވެ.

ޚަޝޯގީ މަރާލުމުގެ ފަހަތުގައި ހުންނެވީ ސައުދީ ވަލީއަހުދް މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރެވޭއިރު އަދި މިހާތަނަށް މުހައްމަދު ބިން ސަލްމާން އާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ސައުދީ ޝާހީ އާއިލާގެ ޝަރަފާއި އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް ބޭނުން ނަމަ މިކަމުގައި ސައުދީ ރަސްގެފާނު ފިޔަވަޅު އަޅުއްވަން މަޖުބޫރުފުޅު ވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތުތައް ބުނާ ގޮތުގަައި ވަލީ އަހުދުގެ ބައެއް ބާރުތައް ވަރަށް އަވަހަށް ރަސްގެފާނު ނެންގެވުން އެކަށީގެންވެ އެވެ.

ޚަޝޯގީގެ މަރުގެ މައްސަލަ ފެންމަތިވި އިރު އެންމެ ފުރަތަމަ ސައުދީން ވަނީ މިކަމުން އެކަމުން ރެކެން މަސައްކަތް ކޮށްފަ އެެވެ. ނަމަވެސް ފަހުން ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ހިނގައި ދިޔަ ހަމަނުޖެހުމެއްގައި ޚަޝޯގީ މަރުވެފައިވާ ކަމަށް އެއްބަސްވެފައެވެ. ޚަޝޯގީގެ މަރުގެ ފަހަތުގައިވާ ކަމަށް ބެލެވޭ 18 މީހަކު ސައޫދީން ހައްޔަރު ކޮށްފައިވާއިރު ސަައުދީ އިންޓެލިޖެންސްގެ އިސްބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ސައުދީ އިންޓެލިޖެންސް ގެ އެންމެ އިސްވެރިޔަކަށް ހުންނަނީ ސައުދީ ވަލީއަހުދް މުހައްމަދު ބިން ސަލްމާނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ ވަލީއަހުދް މުހައްމަދުގެ އަތެއް ވާނަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި ޝާހީ އާއިލާގެ ގަދަރު ހިފެހެއްޓުމަށް ގޮވާލާފައެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީ ވަލީއަހުދުގެ ސިޔާސަތު ތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ ވަނީ އަހަރެއްހައި ދުވަސްވެފައެވެ.