މުހައްމަދު އައުޒަމް
ރޮހިންޔާ ރެފިއުޖީންނަށް އެހީގެ ގޮތުގައި އެމެރިކާއިން 73 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.
ރޮހިންޔާގައި އުޅޭ ރެފިއުޖީންނަށް އދގެ ވޯލްޑް ފުޑް ޕްރޮގްރާމް މެދުވެރިކޮށް އެހީވުމަށް ނިންމާފައިވާ ކަމަށް އެމެރިކާ ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.
އެމެރިކާ ސަރުކާރުން ބުނާގޮތުގައި އެ އެހީ އަކީ ރޮހިންޔާގައި ހާލުގައި ޖެހިފައިވާ އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ރެފިއުޖީންނަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ވެދޭ އެހީއެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓަމީ ބްރޫސް ވިދާޅުވީ މިހާރުން މިހާރަށް ބޭނުންވެފައިވާ ރަނގަަޅު ކާނާގެ އެހީ ރޮހިންޔާއަށް ފޯރުކޮށްދިނުމަށް ވޯލްޑް ފުޑް ޕްރޮގްރާމު މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާއިން އެހީވުމަށް ނިންމާފައިވީ ނަމަވެސް، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަޕްގެ ސަރުކާރުން ވަނީ އެމެރިކާ ފަސްޓު ޕޮލިސީ ގާއިމުކުރުމަށް އެގައުމުން އެހެން ގައުމުތަކަށް ދޭ އެހީ ކަނޑާލުމަށް ނިންމައިފައެވެ. ނަމަވެސް އެ ނިންމުމަށް އެހީދޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.