މުހައްމަދު އައުޒަމް
ދެކުނު ކޮރެއާގެ ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑު، މީހުން ދިރިއުޅޭ ސަރަހައްދަށް ފެތުރި 24 މީހުން މަރުވެއްޖެއެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ގައުމުގެ ޖަންގަލިތަކުގައި ރޯވަމުން އަންނަ އަލިފާންގަނޑު، އެސަރަހައްދާ ގާތުގައި ދިިރިއުޅޭ އާންމުންނާ ހިސާބަށް ފޯރައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އަލިފާނުގެ ސަބަބުން ބުދަ ދުވާހާ ހަމައަށް 24 މީހުން މަރުވެފައިވާ ކަމަށާއި 27،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި ވައިގަދަވުމުގެ ސަަބަބުން އަލިފާންގަނޑު ފެތުރެމުން އަންނަ ސްޕީޑު ހަލުވި ވުމާއެކު އެ އަލިފާން ނިއްވާލުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެސަރަހައްދުގެ މަގުތައް ވެސް ބަންދުވެ މުވާސަލާތީ ހިދުމަތަށް ވެސް ބުރޫއަރާފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިއީ ދެކުނު ކޮރެއާގައި އެންމެ ބޮޑު އަލިފާނުގެ ކާރިސާ ކަމަށާއި މި ކާރިސާގައި ބޮޑެތިގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ޔުނެސްކޯއިން ކަނޑައަޅާފައިވާ ހެރިޓޭޖު ސައިޓުތަކުގެ ތެރެއިން ދެ ސައިޓެއް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
ދެކުނު ކޮރެއާގެ އިދާރާތައް ގުޅިގެން އަލިފާން ނިއްވުމަށް އެގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރަމުން ދާ އިރު، ރޯވަމުން އަންނަ އަލިފާންގަނޑު ވަނީ 17،398 ހެކްޓަރަށް ފެތުރިފައެވެ.