މުހައްމަދު އައުޒަމް
އެމެރިކާގެ ލޮސްއެންޖެލެސް އިން ފުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ޕައިލެޓުންނަށް، އެ މީހުންގެ ޕާސްޕޯޓާ ނުލައި ފުރުމުން ފްލައިޓު އަނބުރާ ޖައްސަން ޖެހިއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ޝަންހާއީއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ 787 މަރުކާގެ އެ ފްލައިޓުގެ ޕައިލެޓުންނަށް އެ މީހުންގެ ޕާސްޕޯޓް ނެތްކަން އެނގުނީ ފްލައިޓް ފުރިތާ ދެގަޑިއިރު ފަހުންނެވެ. އެ ފްލައިޓުގައި 257 ފަސިންޖަރުން ތިބި އިރު، ޕާސްޕޯޓުތައް ހޯދަން ފްލައިޓް ޖައްސާފައިވަނީ އެމެރިކާގެ ސަންފްރެންސިސްކޯ އެއާޕޯޓަށެވެ.
ދަތުރު އަލުން ފެށީ ސަންފްރެންސިސްކޯ އެއާޕޯޓުން އާ ކުރޫއިންގެ ޓީމަކާއެކުއެވެ. ނަމަވެސް ސަންފްރެންސިސްކޯ އެއާޕޯޓުގައި ހަ ގަޑިއިރުގެ ޑިލޭއެއް ދިމާވުމުން ފަސިންޖަރުންނަށް އިތުރު ހިދުމަތްތަކެއް ދޭންޖެހުނެވެ.