ދުނިޔެ

އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހީތްރޯ އެއާޕޯޓް ހުއްޓުމަކަށް، ހާހަކަށްވުރެ ގިނަ ފްލައިޓް ކެންސަލް!

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް، ލަންޑަންގެ ހީތްރޯ އެއާޕޯޓުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައި އެއާޕޯޓު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވީ ސަބްސްޓޭޝަނެއްގައެވެ. އެކަމުގެ ސަބަބުން އެއާޕޯޓުން ކަރަންޓު ކެނޑި ހުރިހާ ހިދުމަތްތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެކަމާއި ގުޅިގެން ފަސިންޖަރުންނާއި އެއާޕޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

ހީތްރޯ އެއާޕޯޓް ބަންދުކުރަން ޖެހުމުގެ ސަބަބުން އިއްޔެ އެކަނިވެސް 1،100 އަށްވުރެ ގިނަ ފްލައިޓު ކެންސަލްކޮށް 119 ފްލައިޓު ޑައިވާޓް ކޮށްފައިވެއެވެ.

އެއާޕޯޓުގެ ހިދުމަތް އަލުން ދޭން ފެށުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނައިރު މިއަދުގެ ވަގުތެއްގައި އެއާޕޯޓުގެ ހިދުމަތް އަލުން ދޭން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.