ދުނިޔެ

އިންޑިއާގެ އުއްތަރަޕްރަދޭޝްގައި ބޯޓެއް ބަންޑުން ޖަހާލައި ތިން މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ އުއްތަރަޕްރަދޭޝްގައި ބޯޓެއް ބަންޑުން ޖަހާލައި ތިން މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުން އިއްޔެ ބުނީ އެގައުމުގެ އުތުރުން އޮންނަ އުއްތަރަޕްރަދޭޝްގައި 16 މީހުންނާއެކު ދަތުރުކުރި އެ ބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި ތިން މީހުން މަރުވެފައިވާ ކަމަށާއި 13 މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ.

އިއްޔެ ހިނގި އެ ހާދިސާގައި އެ ބޯޓު ބަންޑުން ޖަހާލާފައިވަނީ އުއްތަރަޕްރަދޭޝްގެ ރަތަންގަންޖީ ވިލޭޖުގައި އޮންނަ ޝަރްދާ ކޯރަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އޮފިޝަލުން ވަނީ އެބޯޓުން ދަތުރުކުރި މީހުން ދިޔައީ މިދިޔަ ހުކުރު ދުވަހު މަރުވި މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް ކަމަށް ބުނެފައެވެ. އެމީހާ ވެސް މަރުވެފައިވަނީ ހުކުރު ދުވަހު ހަމަ އެކޯރުގައި ހިންދޫއިން ފާހަގަކުރާ ހޯލީ ފާހަގަ ކުރަނިކޮށް ގެނބިގެން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

ބޯޓު ބަންޑުން ޖަހާލުމާ އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެ ސަރަހައްދުގެ އިދާރާތަކާއި އާންމުން ގުޅިގެން ކޮށްފައިވާ އިރު، ސަލާމަތް ކޮށްފައިވާ މީހުންގެ ތެރެއިން 12 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިަޝަލުން ބުނެފައިވެއެވެ.