ދުނިޔެ

އިޒްރޭލުން ގާޒާ އަށް ހަމަލާދީ ނުވަ މީހުން ޝަހީދުކޮށްލައިފި

މުހައްމަދު އައުޒަމް

އިޒްރޭލުން ގާޒާ އަށް ހަމަލާދީ ނުވަ މީހުން ޝަހީދުކޮށްލައިފިއެވެ.

ގާޒާގެ އުތުރުގައި އޮންނަ ބެއިތް ލަހިއާ ސަރަހައްދަށް އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދިން ހަމަލާގައި އެސަރަހައްދުގައި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވި ނުވަ މީހަކު ޝަހީދުކޮށްލައި ގިނަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެެއްވެފައެވެ.

އިޒްރޭލާއި ހަމާސް އާއި ދެމެދު ޖެނުއަރީގައި ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އިޒްރޭލުން ގާޒާއަށް އިއްޔެ ދިން އެހަމަލާ ދީފައިވަނީ ޓެރަރިސްޓުންނަށް އަމާޒުކޮށް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީ އިން ވަނީ އެހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ސީރިއަށް ހާލަތެއްގައި ތިބި މީހުންވެސް ތިބި ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ގާޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން ތިން މީހުންނަކީ އިންސާނީ އެހީ ފޯރުކޮށްދިނުން ކަވަރުކުރުމުގައި ހަރަކާތްތެރިވި މީޑިއާގެ ޓީމުގެ މީހުން ކަމަށް ޕަލަސްތީނިއަން ޖާނަލިސްޓު ޕްރޮޓެކްޝަން ސެންޓާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.