މުހައްމަދު އައުޒަމް
ދެކުނު ކޮރެއާގެ އާންމުންގެ ގެތަކަށް އޮޅިގެން ބޮން އެޅުނު މައްސަލައިގައި ޕައިލެޓުންގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.
ދެކުނު ކޮރެއާގެ އެމް-16 މަރުކާގެ ޖެޓަކަށް އޮޅިގެން ބޮން އެޅިފައިވަނީ އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާގެ މިލިޓަރީން ކުރިއަށްގެންދިޔަ ޖޮއިންޓް ލައިވް ފަޔާ ޑްރިލްއެއްގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ދެކުނު ކޮރެއާއިން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ކުރިއަށްގެންދިޔަ ތަހުގީގު މިހާރު ނިންމައިފައެވެ. އެކަމުގައި ދެ ޕައިލެޓުންގެ އިހުމާލު އޮތް ކަމަށް ފާހަގަވާ ކަމަށާއި އެދެމީހުންގެ މައްޗަށް ދައުވާކުރާނެ ކަމަށް އެ ގައުމުގެ މިލިޓަރީ ތަހުގީގު ޓީމުން ވަނީ ބުނެފައެވެ.
އެގޮތުން އެ ޕައިލެޓުންގެ މަައްޗަށް ކުރުމަށް ނިންމާފައިވަނީ ފަރުވާ ކުޑަވުމުގެ ސަބަބުން އާންމުންގެ ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ދައުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާގައި ދެކުނު ކޮރެއާގެ ޕޯޗެއޮން ސިޓީގައި އާންމުން އުޅޭ ސަރަހައްދަކަށް ވަނީ އެމްކޭ-82 މަރުކާގެ 8 ބޮން ވައްޓާލައިފައެވެ. ބޮން އެޅި ސަރަހައްދުގައި ދިރިއުޅުނު އާންމުންގެ ތެރެއިން 29 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ އިރު، އެ ސަރަހައްދުގެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.