މިއަހަރުގެ ފިތުރު ޒަކާތް މާދަމާ ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ދޫކުރަން ފަށާނީ މަދާމާ ހެނދުނު ކަމަށާއި ޒަކާތް ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން 12:00 އަށް، މެންދުރު 12:45 އިން ހަވީރު 3:30 އަށެވެ. އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށެވެ.
ޒަކާތް ދޫކުރުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި ގޮވާމުގެ ބާވަތްތަކުން ޒަކާތް ދޫކުރުން ކުރިއަށްދާނީ އަރަބިއްޔާ ސްކޫލު ހޯލުގައެވެ.
އަރަބިއްޔާ ސުކޫލު ހޯލުގައި ވެސް ޒަކާތް ދޫކުރާނީ ހެނދުނު 9:30 އިން 12:00 އަށް، މެންދުރު 12:45 އިން ހަވީރު 3:30 އަށެވެ. އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ފިތުރު ޒަކާތް މިއަހަރު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އެކުލަވައިލި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަދި އެފަރާތްތަކަށް ޒަކާތް ދޫކުރާނީ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ހިފައިގެން ދިއުމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރި ޓްވީޓުގައި ބުނެފައިވަނީ މެއި މަހުގެ 26 ގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން 2.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. އެއީ 26 ގެ ނިޔަލަށް ޒަކާތް ދައްކާފައިވާ 50،783 މީހުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.