ދުނިޔެ

ސްޕޭސްއެކްސްގެ އުޅަނދު އުދުއްސާލިތާ ގިނައިރުތަކެއް ނުވެ ގޮވައިފި

މުހައްމަދު އައުޒަމް

ސްޕޭސްއެކްސްގެ ޖައްވީ އުޅަނދު އުދުއްސާލިތާ ގިނައިރުތަކެއް ނުވެ ގޮވައިފިއެވެ.

ސްޕޭސް އެކްސްގެ ޖައްވީ އުޅަނދު ގޮވީ، 8 ވަނަ ޓެސްޓު ދަތުރަށް އުދުއްސައިލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މިއީ ސްޕޭސް އެކްސްގެ ސްޓާޝިޕްގެ ޓެސްޓު އުޅަނދެއް ގޮވި ދެވަނަ ފަހަރެވެ.

ދެބަޔަކަށް ބެހިގެން ދާ އެ އުޅަނދުގެ މަތީބައި ޖައްވަށް ދިއުމަށް ހާއްސަ ވާއިރު ތިރީ ބައި އެނބުރި ދުނިޔެއަށް ތިރިކުރެއެވެ. އެގޮތުން ޓެސްޓު ދަތުރުގައި ތިރީ ބައި، ރޭވިފައިވާ ގޮތަށް ވަނީ އެނބުރި ޖައްސާފައެވެ.

ޓެކްސަސްގެ ބްރައުން ވިލޭ ސަރަހައްދުގައި އޮންނަ ޕްލެޓްފޯމުން އެ އުޅަނދު އުދުއްސާލިތާ 10 މިނެޓު ނުވަނީސް އެ އުޅަނދަށް މައްސަލަތަކެއް ކުރިމަތިވި ކަމަށް އޮފިޝަލުން ބުނެއެވެ.

ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ސްޕޭސްއެކްސްގެ ޖައްވީ އުޅަނދު ގޮވުމާއެކު އޭގެ ބައިތައް ދުނިޔެއަށް ފޭބި މަންޒަރު ގިނަ ބަޔަކު ވަނީ ވީޑިއޯކޮށް ހިއްސާކޮށްފައެވެ.

މި ހާދިސާ ހިނގުމާއެކު އެމެރިކާގެ އެފްއޭއޭ އިން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށް 45 މިނެޓު ވަންދެން ފްލައިޓު ހަރަކާތްތައް ހުއްޓުވާފައެވެ.