ދުނިޔެ

ދެކުނު ކޮރެއާގެ ފައިޓަރު ޖެޓުތަކަށް އޮޅިގެން އެގައުމުގެ އާންމުން އުޅޭ ސަރަހައްދަކަށް ބޮން އެޅިއްޖެ

މުހައްމަދު އައުޒަމް

ދެކުނު ކޮރެއާގެ ފައިޓަރު ޖެޓުތަކަށް އޮޅިގެން އެ ގައުމުގެ އާންމުން އުޅޭ ސަރަހައްދަކަށް ބޮން އެޅިއްޖެއެވެ.

ދެކުނު ކޮރެއާގެ އެމް-16 މަރުކާގެ ޖެޓަކަށް އޮޅިގެން ބޮން އެޅިފައި ވަނީ އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާގެ މިލިޓަރީން ކުރިޔަށް ގެންދިޔަ ޖޮއިންޓް ލައިވް ފަޔާ ޑްރިލްއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ދެކުނު ކޮރެއާގެ ޕޯޗެއޮން ސިޓީގައި އާންމުން އުޅޭ ސަރަހައްދަކަށް ވަނީ އެމްކޭ-82 މަރުކާގެ 8 ބޮން ވައްޓާލައިފައެވެ.

އޮފިޝަލުން ވަނީ އެ ހާދިސާގައި އާންމުންގެ 15 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު އެ ސަރަހައްދުގެ އާންމުންގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުން ވެފައިވާކަމަށް ބުނެފައެވެ. އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ލިބުނު އަނިޔާ ސީރިއަސް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ދެކުނު ކޮރެއާގެ ޑިފެންސުން ބުނެފައިވާ ގޮތުގައި، މިހާތަނަށް ހޯދިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ޑްރިލްގައި ބޮންއަޅަން ކަނޑައަޅާފައިވާ މައުލޫމާތުތައް އޮޅުމުގެ ސަބަބުންނެވެ.