މުހައްމަދު އައުޒަމް
އެމެރިކާއާ ދެކޮޅަށް ކޮންމެ ކަހަލަ ހަނގުރާމައެއް ކުރަން ވެސް ތައްޔާރަށް ތިބި ކަމަށް ޗައިނާއިން ބުނެފިއެވެ.
އެމެރިކާގެ އާސަރުކާރުން އެގައުމަށް އެތެރެކުރާ ޓެރިފް ބޮޑުކުރުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތަކާ ޖެހިފައިވާ އިރު، ޗައިނާއަށް ވެސް ވަނީ އެކަމާ ކުރިމަތިލާން ޖެހިފައެވެ.
އެމެރިކާއިން ގަވާއިދު ބަދަލުކޮށް ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން ނިންމާފައިވާ އިރު، ޗައިނާއިން ވެސް ވަނީ އެމެރިކާގެ އުފެއްދުންތަކަށް އެގައުމުން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޓެރިފް އެއް ނެގުމަށް ނިންމައިފައެވެ.
ޗައިނާ ސަރުކާރުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް އިގުތިސޯދީ ގޮތުން ހަނގުރާމަ ކުރަން ގަސްތު ކުރާނަމަ ނުވަތަ އެހެން ބާވަތެއްގެ ހަނގުރާމައެއް ކުރަން ބޭނުން ނަމަ، ޗައިނާވެސް އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ.
ޗައިނާއިން އެގައުމުގެ ވިޔަފާރިވެރިންނަށް ވަނީ އެގައުމުން އަޅާ ކޮންމެ ފިޔަވަޅަކާ މެދު އެއްބާރުލުން ދިނުމަށާއި ގައުމުގެ އިގުތިސޯދު ކިތަންމެ ފިއްތުންތަކެއް އަޔަސް އިތުރުވަމުން ދާކަމަށް ބުނެފައެވެ.
ޗައިނާ ސަރުކާރުން ނެރުނު ބަޔާން ވަނީ ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީއިން ވެސް ޕޯސްޓުކޮށްފައެވެ.