ސާބިއާގެ ގާނޫނުހަދާ މަޖިލީސްތެރެއަށް ކަރުނަ ގޭސް ޖަހައިފިއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިއީ އިދިކޮޅު ޕާޓީގެ މެންބަރުން ހިންގި އަމަލެކެވެ.
އިއްޔެ ހިންގި މި އަމަލަކީ ސާބިއާގެ ސަރުކާރާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުންނާއި ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން އިދިކޮޅުން ހިންގި އަމަލެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސާބިއާގެ ގާނޫނު ހަދާ މަޖިލީހުގައި ޖަލްސާއެއް ކުރިޔަށް ދަނިކޮށް އިދިކޮޅުން ހިންގި މި އަމަލުގެ ސަބަބުން ސަރުކާރު ހިންގާ ސާބިއަން ޕްރޮގްރެސިވް ޕާޓީގެ ތިން މެންބަރަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި މާބަނޑު އަންހެން މެންބަރެއްވެސް ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ސާބިއާގެ ސިޔާސީ މަޝްރަހަށް ހަލަބޮލިކަން އައިސްފައި ވަނީ ދާދި ފަހުން އެ ގައުމުގެ ރޭލްވޭސްޓޭޝަނެއްގެ ފުރާޅު ވެއްޓި 15 މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. ސާބިއާގެ އާންމުންނާއި ދަރިވަރުން ހިމެނޭހެން ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާއިރު އެ ގައުމުގެ އިދިކޮޅުން ދަނީ ސަރުކާރާ ދެކޮޅަށް މަޖިލީހުގައި އިހުތިޖާޖުކުރަމުންނެވެ.