މާރކް ޒަކަރބަރގް އޭނާގެ އަންހެނުން ޕްރިސިލާ ޗަންގެ 40 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެ ޕާޓީގައި އޭނާ ވަނީ އަންހެނުންނަށް ސަޕްރައިޒެއް ދިނުމަށް އައިޓަމެއްވެސް ހުށަހަޅައިފައެވެ.
މެޓާގެ ސީއީއޯ މާރކް އަކީ މި ބްލެކް ޓައި ޕާޓީގެ ހޯސްޓް ކަމުގައިވިޔަސް، އޭނާ އަމިއްލައަށް ވަނީ ‘ޝޮކިން’ ޕަރފޯމަންސެއް ދީ، ޕާޓީގެ މެދުތެރެއިން ސިފަ ބަދަލުކޮށްލައިފައެވެ. ފުރަތަމަ އާންމު ކަޅު ޓަކްސިޑޯއެއް ލައިގެން ހުރި މާރކް ވަނީ ދެ އެހީތެރީންނާއެކު ސްޓޭޖުގައި އެ ހެދުން ނައްޓާލައިފައެވެ. އޭގެ އަޑިން އޭނާ ލައިގެން ހުރީ 2025 ގެ ގްރެމީސްގައި ބެންސަން ބޫން ލައިގެން ހުރި ނޫކުލައިގެ ގުލިޓަރީ ޖަމްޕްސޫޓެވެ.
އެ ވަގުތުގެ ފޮނިކަމާ ބެހޭގޮތުން ވާހަކަދައްކަމުން، މާރކް ވަނީ މުހިންމު އުފަންދުވަސްތަކަކީ ހާއްސަ ކަމެއް ކަމަށް ފާހަގަކޮށް، މިހާރު މަޝްހޫރުވެފައިވާ ޖަމްޕްސޫޓު އޭނާއަށް ދިން ކަމަށްޓަކައި ބެންސަންއަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ވަނީ އިންސްޓަގްރާމްގައި އެ ޕަރފޯމަންސްގެ ވީޑިއޯ މޮންޓާޖެއް ހިއްސާކޮށް، އޭގައި ޗަންގެ ހިތްގައިމު ހަރަކާތް ވެސް ހިމަނާފައެވެ.
މި ޓެކްނޮލޮޖީ ބިލިއަނަރު ވަނީ އޭނާގެ ވީޑިއޯއަށް ބެންސަންގެ އެންމެ ފަހުގެ ސިންގަލް "ސޮރީ އައިއޭމް ހިއާ ފޮ ސަމްވަން އެލްސް" އިތުރުކޮށްފައެވެ. ނަމަވެސް، އަންހެނުންގެ 40 ވަނަ އުފަންދުވަހުގެ ޕާޓީގައި އޭނާ ހަގީގަތުގައި ކިޔާލީ ކޮން ލަވައެއްކަން ސާފެއް ނޫނެވެ.
މާރކް އަދި ޕްރިސިލާގެ ލޯބީގެ ވާހަކަ ފެށުނީ 2003 ގައި އެ ދެމީހުން ހާވަރޑް ޔުނިވަސިޓީގައި ބައްދަލުވުމުންނެވެ. 9 އަހަރު ފަހުން، އެ ދެމީހުން ވަނީ ކައިވެނިކޮށްފައެވެ. މިހާރު އެ ދެމީހުންނަކީ 3 ދަރީންގެ މައިންބަފައިންނެވެ. އެއީ 9 އަހަރުގެ މެކްސިމާ، 7 އަހަރުގެ އޯގަސްޓް، އަދި 2 އަހަރުގެ އޮރީލިއާ އެވެ.