ފަންސާސް ތިން އަހަރުގެ އެލޮން މަސްކް 14 ވަނަ ފަހަރަށް ބައްޕައަކަށް ވެއްޖެއެވެ. މި ބިލިއަނަރު ވިޔަފާރިވެރިޔާގެ އެންމެ ފަހުގެ ދަރިފުޅު ލިބިފައިވަނީ ނިއުރަލިންކްގެ އެގްޒެކެޓިވް ޝިވޮން ޒިލިސް އަށެވެ. އެއީ ޝިވޮން ޒިލިސް އަށް ލިބުނު 4 ވަނަ ދަރިފުޅެވެ. މި ހަބަރު ޝިވޮން ވަނީ ހުކުރު ދުވަހު އެކްސްގައި ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި އެ ދެމީހުންގެ އަލަށް އުފަންވި ފިރިހެން ދަރިފުޅުގެ ނަމަކީ ސެލްޑޮން ލައިކަރގަސް ކަމަށްވެސް ބުނެފައިވެއެވެ.
މި ޕޯސްޓުގައި އެ ދެމީހުންގެ ކުރީން އެނގިފައި ނުވާ 3 ވަނަ ދަރިފުޅުގެ ނަމަކީ އަރކޭޑިއާ ކަމަށްވެސް ހާމަކޮށްފައިވެއެވެ. އެލޮން އަދި ޝިވޮން އަށް މިދިޔަ އަހަރުގެ ކުރީކޮޅު 3 ވަނަ ދަރިފުރިފުޅަކު ލިބުނުކަމަށް މީޑިއާ ތަކުން އޭރު ރިޕޯޓް ކުރިއެވެ. ނަމަވެސް އެކަން ޔަގީންވެފައެއް ނުވެއެވެ. އެލޮންގެ ފަރާތުންވެސް އެކަން އާންމުކޮށްފައެއް ނުވެއެވެ.
އުފަންވާ ކުދީންގެ އަދަދު އިތުރުކުރުމަށް ބާރުއަޅައި އެލޮން ވަނީ ދުނިޔޭގެ އާބާދީ އިތުރުވާ މިންވަރު ދަށްވަމުންދާ ވާހަކަ އެތައް ފަހަރަކު ދައްކާފައެވެ. ގިނަ ގައުމުތަކުގައި މިހާރުވެސް އުފަންވާ އަދަދަށްވުރެ މަރުވާ މީހުންގެ އަދަދު ގިނައެވެ. އެލޮން ވަނީ މި ކަމުގެ ކަންބޮޑުވުންވެސް އެތައް ފަހަރަކު ފާޅުކޮށްފައެވެ.
އެލޮން އަށް ޝިވޮންއާއެކު ފުރަތަމަ ޓުވިންސް ލިބުނީ 2021 ގެ ނޮވެމްބަރު މަހުއެވެ. އެއީ ސްޓްރައިޑަރ އަދި އަޒުރެއެވެ. އެ ދެކުދީން އުފަންވީ އެލޮން އަދި ލަވަކިޔުންތެރިޔާ ގްރައިމްސްގެ ދަރިފުޅު، އެކްސާ ޑާރކް ސައިޑެރީލް، އުފަންވުމުގެ މަހެއް ކުރީންނެވެ. ގްރައިމްސްއާއެކު އެލޮންގެ އިތުރު ދެ ދަރީން ތިބެއެވެ. އަދި އޭނާގެ ކުރީގެ އަންހެނުން، ޖަސްޓިން ވިލްސަންއާއެކު 6 ދަރިން ތިބެއެވެ.
އެލޮންގެ ބޮޑުވަމުން އަންނަ އާއިލާ ވަނީ ފަހަކަށްއައިސް ސަމާލު ކަމަށް އައިސްފައެވެ. އެއީ ކޮންޒަވޭޓިވް އެކްޓިވިސްޓް އޭޝްލީ ސެއިންޓް ކްލެއަރ އެލޮންއަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެންނެވެ. ސެއިންޓް ކްލެއަރ ބުނެފައިވަނީ އެލޮންއަކީ އޭނާގެ 5 މަސްވީ ފިރިހެން ދަރިފުޅުގެ ބައްޕަ ކަމަށެވެ. ސެއިންޓް ކްލެއަރ ވަނީ ބެލެނިވެރިކަމަށްވެސް އެދިފައެވެ. ގާނޫނީ ލިޔެކިޔުންތަކުގައި ބުނެފައިވަނީ އޭނާއަށް ޔަގީންކަމާއެކު އެނގޭ ގޮތުގައި އެލޮންއަކީ ދަރިފުޅުގެ ބައްޕަ ކަމަށެވެ. މި ދައުވާގައި ސެއިންޓް ކްލެއަރ އާއި އެލޮންއާ ދެމެދު ބަދަލުކުރެވުނު ކަމަށް ބުނާ މެސެޖުތަކަކަށްވެސް ހަވާލާދީފައިވެއެވެ. އޭގެ ތެރޭގައި "ތިބާ އަނެއްކާވެސް ބަލިވެއިންނަން އަހަރެން ބޭނުން" ކަމަށް އެލޮން ބުނެފައިވާ މެސެޖެއްވެސް ހިމެނެއެވެ.
މަސްކް އޭނާގެ އާއިލާ އިތުރުކުރަމުން އަންނައިރު، އާބާދީ އިތުރުވުމާ ގުޅޭގޮތުން އޭނާގެ ހިޔާލުތައް އަންނަނީ މުހިންމު މަޝްވަރާގެ މައުލޫއަކަށް ވަމުންނެވެ.