ލަންކާ އާއި އިންޑިއާއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
މިއަހަރުގެ ރޯދަމަހަށް ހަނދު ބެލުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ހުކުރު ދުވަހު މަސައްކަތް ކޮށްފައިވާއިރު ބައެއް ގައުމުތަކަށް ހަނދު ފެނި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ހަނދު ފެނިފައިވާކަމަށް ނިންމައި އެ ގައުމަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ކަމަށް ކަނޑައަޅައިފައެވެ.
ރާއްޖެއަށް ރޯދަ ފެށިފައިވީ ނަމަވެސް އެންމެ އަވައްޓެރި ދެގައުމު ކަމަށްވާ އިންޑިއާ އާއި ލަންކާއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އާދިއްތަ ދުވަހެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ގްރޭންޑް މޮސްކުން ބުނެފައިވާގޮތުން، އެ ގައުމަށް ހަނދު ފެނިފައި ނުވާތީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އާދިއްތަ އެވެ.
އިންޑިއާއިން ވެސް ވަނީ އެ ގައުމަށް ހަނދުފެނިފައި ނުވާކަމަށް ނިންމައިފައެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ މައި މިސްކިތުގެ އިމާމާ ހަވާލާދީ އެ ނޫސްތަކުން ވަނީ އެ ގައުމަށް ރޯދަ މަހުގެ ފުރަތަަމަ ދުވަހަކީ އާދިއްތަ ކަމަށް ރިޕޯޓު ކޮށްފައެވެ.