ދުނިޔެ

ޓްރަމްޕުގެ ބަސްމަގު ބަދަލުވިޔަސް އިޒްރޭލުގެ ކަންކަމުގައި ސިޔާސަތު ބަދަލުވުމެއް ނެތެވެ.

އިމާދު ލަތީފު

ގާޒާގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާން ފެއްޓެވި ވާހަކަފުޅުތައް މިހާރު ކޮންމެވެސް މިންވަރަކަަށް ބަދަލުކުރައްވައި މަޑުމައިތިރިކަމުގެ ކުލަވަރެއް ފެނުމަކީ އިޒްރޭލަށް އޭނާ ކުރައްވަމުން ގެންދެވި ހިފެހެއްޓުމެއްނެތް ސަޕޯޓް ބަދަލުކުރެއްވުން ބާވައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ގާޒާ ހިފައި އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެމެރިކާގެ ބަގީޗާއަކަށް ހައްދަވާނަމޭ ވިދާޅުވި ވިދާޅުވުމުގެ ރާގު ބަދަލުކުރައްވައި ގާޒާގެ ކަންތައް ކޮޅެއްގައި ޖައްސަވާނީ މަޝްވަރާގެ އުސޫލުގެ ތެރެއިންނޭ މިހާރު އެވިދާޅުވަނީ އޭނާގެ ވިސްނުންފުޅު ހަގީގަތުގައިވެސް ބަދަލުވެގެން ހެއްޔެވެ. ބަލައިލަމާ ބަހީއެވެ. ރައީސް ޓްރަމްޕު ވެރިކަމަށް ވަޑައިގެން އެހުންނެވީ ދެވަނަ ފަހަރަށެވެ. އޭނާގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ ކަންކަމަށް ވިސްނައި ދިރާސާކުރީމާ ޓްރަމްޕުގެ ވިސްނުމާއި މަގްސަދަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ އަދި އަންނާނެތޯ ދެނެގަތުން އުދަގުލެއް ނުވާނެއެވެ.

ޓްރަމްޕުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރު މުޅިންވެސް އެއްގޮތެވެ. މިކަން އެންމެ ބޮޑަށް އެނގެނީ އޭނާގެ ޑިޕްލޮމަސީ އާއި އެ ޑިޕްލޮމަސީ ހިންގެވުމަށް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނާއި އައްޔަން ކުރައްވާ ބޭފުޅުންގެ ވަނަވަރަށް ބެލީމައެވެ. އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާ އައު ސަފީރަކީ އާކަންސޯ ސްޓޭޓްގެ ކުރީގެ ގަވަރުނަރު މައިކް ހަކަބީއެވެ. ފަލަސްތީނުގެ ދައުލަތެއް ވުޖޫދުކުރުމަކީ ހަކަބީ ގަބޫލު ކުރައްވާ ހައްލެއް ނޫނެވެ. އަދި ފަލަސްތީނެއް ދުވަހަކު އޮތްކަމަށްވެސް އޭނާ ގަބޫލެއް ނުކުރައްވައެވެ. ޓްރަމްޕުގެ ކުރީގެ ދައުރުގައިވެސް އިޒްރޭލަށް ކަޑައެޅުއްވީ ހަމަ އެޒާތުގެ ސަފީރެކެވެ. ޑޭވިޑް ފްރައިޑްމަންއެވެ. އޭނާއަކީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް ބާރުއެޅުއްވި ބޭފުޅެކެވެ. ޓްރަމްޕުގެ އައު ދައުރުގައި އެމެރިކާއިން އދ. އަށް ކަނޑައެޅުއްވި ސަފީރުގެ ވަނަވަރަށް ބަލައިލީމާވެސް ޓްރަމްޕުގެ ވިސްނުންފުޅާމެދު އޮޅުމެއް އަރާކަށް ފުރުސަތެއް ނޯންނާނެއެވެ. އެބޭފުޅަކީ އެލީސާ ސްޓެފަނިކްއެވެ. އަންހެން ބޭފުޅެކެވެ. އެކަމަނާ ގަބޫލުކުރައްވަނީ އިޒްރޭލުގެ ދެމިއޮތުމާއި އިޒްެރޭލުގެ ސަރަހައްދު ބޮޑުކުރުމަކީ އެއްވެސް ބަޔަކަށް ދެކޮޅު ހެދޭނެ ކަމެއް ނޫންކަމުގައެވެ. އެކަމަކީ އިންޖީލާއި ތައުރާތުގައި ބަޔާންވެފައިވާ އަދި އެންމެންވެސް ތަބާވެ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމުގައެވެ.

އީރާނުގެ އިންގިލާބީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމަކީ 2020 ވަނަ އަހަރު ޓްރަމްޕުގެ ފުރަތަމަ ދައުރުގައި އިޒްރޭލަށް ކުރެއްވި ހަދިޔާއެކެވެ. މިކަމުގެ ބޭނުމަކީ ސީރިޔާ އާއި ލުބުނާން އަދި ޔަމަނާއި އިރާގުގައި އީރާނުން ފުޅާކުރަމުންއައި އަސްކަރީ ނުފޫޒު ކުޑަކުރުމާއި އިޒްރޭލަށް ކަންކަން ފަހިކޮށްދިނުމެވެ. އީރާނުގެ ނިއުކުލިއަރ މުއާހަދާއިން އެމެރިކާ ވަކިވުމާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާއި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތް ނިކަމެތި ކުރުމަށްޓަކައި ހުރިހާ ބާވަތެއްގެ ފިޔަވަޅުތަކެއް އެމެރިކާއިން ތައާރަފުކުރީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެދުމަކަށް ޓްރަމްޕުގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައެވެ. މިކަންކަމުގެ ބޭނުމަކީ އިޒްރޭލާ ދެކޮޅުހަދާ އެންމެން ނިކަމެތިކޮަށް ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ހަތަރު އަހަރު ހޭދަވީ މި މަސައްކަތުގައެވެ. އޭނާގެ އައު ދައުރު އަދި ކިރިޔާ އެފެށުނީއެވެ. އެހެންވީމާ މި ސިލްސިލާއަށް އައު ބޮޅުތައް އިތުރުވާނޭކަމީ ޝައްކެއްވެސްނެތް ކަމެކެވެ.

ހުޅަނގު އައްސޭރިޔާއި އިރުމަތީ ގުދުސް އަދި ގާޒާގައި އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ހަގުރާމައިގެ ޖަރީމާތަކެއް ކަމަށް ނިންމިދާނެ ކަމަށް ގަބޫލުކޮށް އެފަދަ ހަރަކާތްތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނިންމުމާ ގުޅިގެން 2019 ވަނަ އަހަރު ޓްރަމްޕު އަމަލުކުރެއްވިގޮތް ހަނދާނަަށް ގެނައުން ވަރަށް މުހިންމެވެ. އައިސީސީގެ ނިންމުން ކުށްވެރިކޮށް ޓްރަމްޕުގެ ފުރަތަމަ ދައުރުގައި އެކޯޓާ ދެކޮޅަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ޚިޔާލާއި ފިކުރަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއް ނެތިއެވެ. އައު ދައުރަކަށް ވެރިކަމަށް ވަޑައިގެންފައި ޓްރަމްޕު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އައިސީސީއާ ދިމާކޮށްލެއްވުމެވެ. ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރާއި އަސްކަރީ ކޮމާންޑަރު ހައްޔަރު ކުރުމަށް އައިސީސީން އަމުރުކޮށްފައިވާތީ އެ އަމުރު ނެރުއްވި ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ އާއިލާތަކާ ދެކޮޅަށް އެމެރިކާއިން ވަނީ ފިޔަވަޅު އަޅައިފައެވެ. އެމެރިކާއަށް އެތެރެވުން މަނާކުރުމާއި މުދަލާއި ފައިސާ ގަނޑުކޮށް ހިފެހެއްޓުންފަދަ ފިޔަވަޅުތަކެވެ.

ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ހަގީގަތްތައް ނިއުޅައިގެން ބެލީމާ އެންމެ ފާޅުކަންބޮޑު ގޮތެެއްގައި ފެންނާން އޮންނާނީ އަރަބީންގެ ބިންތައް ފޭރި އިޒްރޭލުގެ ސަރަހައްދު ފުޅާކުރުމުގެ ހަރަކާތްތަކަށް ތާއީދުކޮށް ވާގިވެރިވުމުގެ ކަންކަމެވެ. މީގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ސީރިޔާގެ ގޯލާނަކީ އިޒްރޭލުން 1967 ވަނަ އަހަރު ފޭރިގެންފައިވާ ބިމަކަށްވާއިރު 2019 ވަނަ އަހަރު ޓްރަމްޕުގެ ސަރުކާރުން ވަނީ އެއީ އިޒްރޭލުގެ ސިޔާދަތީ ހުކޫމަތުގެ ތެރޭގައިވާ އިޒްރޭލުގެ ސަރަހައްދެއްކަމަށް ރަސްމީގޮތުން ބަލައިގެންފައެވެ. ހިފާފައިވާ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުކަމެއް ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން 1978 ވަނަ އަހަރުން ފެށިގެން ގަބޫލުކުރަމުން އައިސްފައިވާ ގަބޫލުކުރުން ޓްރަމްޕު އަންގަވައިގެން 2019 ވަނަ އަހަރު އޭރުގެ ޚާރިޖީވަޒީރު މައިކް ޕޮމްޕިއޯ ވަނީ މުޅިން ބާތިލް ކުރައްވައިފައެވެ. އޭގެފަހުން އެމެރިކާގެ ޚާރިޖިއްޔާއިން ގަބޫލުކުރަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމަކީ މުޅީން ސައްހަ މަސައްކަތެއް ކަމުގައެވެ. އެ މަސައްތަށް އެއްބާރުލުން ދިނުމަކީ އަދިއެއަށްވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ކަމެއް ކަމުގައެވެ.

މަތީގައި ބަޔާން ކުރެވުނީ މައިގަޑު ގޮތެއްގައި ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ފެނިގެން ގޮސްފައިވާ ކަންކަމެވެ. މިހާރު މިއޮތީ ދެވަނަ ދައުރެވެ. އެދައުރު އަދިކިރިޔާ ފެށުނީއެވެ. ކުރިއަށް ހަތަރު އަހަރު އެބައޮތެވެ. އެހެންވީމާ ކުރިން ނުފެންނަ އައު ކަންކަން މި ދައުރުގައި ފެންނާނެއެވެ. ކުރީ ދައުރުގައި ފެށި ކަންކަން އައު އުސްމިނަކަށްވެސް ގެންދާނެއެވެ. މި ދައުރުގައި ކުރާނޭ ނުވަތަ އިސްކަންދޭނޭ ކަމެއް ކަމުގައި ބެލެވޭ އެއްކަމަކީ މުޅި ހުޅަނގު އައްސޭރި އިޒްރޭލުގެ ތަނެއްކަމަށް އެމެރިކާއިން ރަސްމީކޮށް ނިންމުމެވެ. ފަލަސްތީނުގެ ދައުލަތެެއް އުފެއްދުމުގެ ވާހަކަވެސް މުޅިން ހުއްޓާލައި އެވާހަކަ ދެއްކުމަކީވެސް ކުށަކަށް ހެދުމެވެ. ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލައި މިސްރުގެ ސައިނާގެ ސަހަރާގެ ތެރެއަށް ވިއްސިވިހާލިކޮށް ގާޒާގެ ތެރެއިން އެއްވެސް ބާވަތެއްގެ ނުރައްކަލެއް އިޒްރޭލަށް ނާންނާނެކަން ކަށަވަރު ކުރުމެވެ. އެވަރަކުން އަދި ނުނިމޭނެއެވެެ. ގަބޫލުކުރެވޭ ގޮތުން އީރާނާވެސް ދިމާކުރާނެއެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެންނެވެ. މިކަމުގެ އިޝާރާތެއް ނަތަންޔާހޫ މިހާރުވެސް ވަނީ ދީފައެވެ. މިކަންކަން މިހެން ހުރީމާ މި ލިޔުން ނިންމައިލުމުގެ ކުރިންވެސް ބުނަން ޖެހެނީ މިހެންނެވެ. ޓްރަމްޕުގެ ބަސްމަގު ކޮންމެ ގޮތަކަށް ބަދަލުވިޔަސް އިޒްރޭލުގެ ކަންކަމުގައި އޭނާގެ ސިޔާސަތު ބަދަލެއް ނުވާނެއެވެ.