ޝަހީދާ އަބްދުﷲ ސައީދު
މިއަހަރުގެ ފިތުރު އީދު މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ މިއަހަރު، ސްޓޭޑިއަމްގައި އީދު ނަމާދު ކުރަން ނިންމީ އީދު ނަމާދުގެ ޖަމާއަތް ވީހާވެސް ބޮޑުކުރަން ބޭނުންވާތީ ކަމަށެވެ.
ބޮޑު ޖަމާއަތުގެ އިތުރުން މާލޭގެ 24 މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް އަހުމަދުﷲ ވިދާޅުވިއެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ފުޓުބޯޅަ ދަނޑުގައި ކަމަށާއި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި، އީދު ނަމާދު ކުރާނީ ޣާޒީ ސުކޫލު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ކަމަށް ވިދާޅުވިއެވެ.
އޭނާވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ވަރަށް ގިނަ ރަށްރަށުން ހުސްބިމުގައި އީދު ނަމާދުކުރަން ހުއްދައަށް އެދެމުންދާކަމަށާއި ކޮންމެ ރަށެއްގައިވެސް އީދު ނަމާދުކުރުން އެންމެ ރަގަޅީ ހުސްބިމުގައި ކަމަށެވެ.
ނަމަވެސް މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން އެރަށެއްގެ އެންމެ ބޮޑު މިސްކިތެއްގައި އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަޖައްސާފައި ބަހައްޓަންވާނެ ކަމަށް އަހުމަދުﷲ ވިދާޅުވިއެވެ.
މީގެއިތުރުން ސްޓޭޑިއަމްގައި އީދު ނަމާދު ކުރާއިރު ޓްރެފިކު ބެލެހެއްޓުމަށް ފުލުހުން އެހީތެރިވާނެ ކަމަށާއި އަދި ނަމާދަށް ދާ މީހުންގެ ސައިކަލުތައް މިފަހަރު ޕާކުރާނީ ވެލިދަނޑުގައި ކަމަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސައިކަލު ޕާކުކުރާނީ ވަކި އިންތިޒާމެއްގެ ތެރެއިން ކަމަށާއި އެސަރަހައްދުގައި ފުލުހުން ޓްރެފިކް ބަލަހައްޓާނެ ކަމަށެވެ.
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާއިރު އީދު ދުވަހުގެ ހެނދުނު 6:30 ގައި އެސަރަހައްދުގެ މަގުތައް ބަންދުކުރާނެއެވެ.
އަދި ނަ،މާދަށްދާ މީހުން ތަރުތީބުކުރަން އޮފިޝަލުން ތިބޭ އިރު ބަންގްލަދޭޝް މީހުން ވެސް އޮފިޝަލުންގެ ގޮތުގައި ތިބޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖެއްސީ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އީދު ނަމާދަށް ދާނެތީ އެމީހުންނާއި މުއާމަލާތުކުރަން ދިވެހިންނަށް ވުރެ ފަސޭހަވާނެތީ ކަމަށެވެ.