އިމާދު ލަތީފު
ވެރިކަމަށް އަލުން ވަޑައިގަތުމުގެ ކުރީންވެސް ރައީސް ޓްރަމްޕު ވިދާޅުވަމުން ގެންދެވިއެވެ. ވެރިކަމުގެ ހުވާކުރައްވާ ދުވަހު ނޫނީ ވެރިކަމުގެ ފުރަތަމަ 48 ގަޑިއިރު ތެރޭގައި ރަޝިޔާއާއި ޔުކްރޭނުގެ ހަގުރާމަ ހުއްޓުވާނަމެވެ. އެ ހަގުރާމަ ހުއްޓުވާނެ ފޯމިއުލާ އޭނާއަށް ރަގަޅަށް އެގިވަޑައިގަންނަވައެވެ. ޓްރަމްޕަކަށް ވެރިކަމުގެ ފުރަތަމަ ދުވަހު އެކަމެއް ނުކުރެއްވުނެވެ. އަދި ޖެހިގެންއައި 48 ގަޑިއިރު ތެރޭގައިވެސް އެކަމެއް ނުކުރެއްވުނެވެ. އޭގެ މާނައަކީ ކޮބައިހެއްޔެވެ. ޓްރަމްޕު މުޅިން ފޭލްވީ ހެއްޔެވެ. ނޫނެކެވެ. އެހެން ބުނަން އަދި ކައިރިވެސް ނުވެއެވެ. ޓްރަމްޕުގެ ފޯމިއުލާ މަސައްކަތެއް ނުކުރެޔޭ ބުނަން އަދިމާއަވަހެވެ. ފެންނަމުންދާ މަންޒަރުތަކުން އެގެނީ ހަގުރާމަ ހުއްޓުވަން ކުރެވޭ މަސައްކަތުގައި ޓްރަމްޕު ވަރަށް ސީރިއަސްކަމެވެ. މިކަމުގައި އޭނާގެ ފޯމިއުލާ ހަމަބަރާބަރު ކަމެވެ. ޔުކްރޭނުގެ ހަގުރާމަ ފެށުނުތާ މި ފެބްރުއަރީ މަހުގެ ސައުވީސްވަނަ ދުވަހު ތިން އަހަރު ފުރޭނެއެވެ. އެދުވަހަކީ ކުރިއަށް އޮތް ހަފުތާގެ ހޯމަދުވަހެވެ.
ފެންނަ މަންޒަރުތަކުން އެބަހީވެއެވެ. ހަގުރާމައަށް ތިންއަހަރު ފުރޭދުވަހު މިހަގުރާމަ ނިމިދާނެއެވެ. ނުވަތަ ތިންއަހަރު ފުރިގެން ދެންގިނަދުވަސްތަކެއް ނުވެ ހަގުރާމައިގެ ހުޅުގަޑު ނިވިދާނެއެވެ. އެހެން ހީވާ ސަބަބަކީ އެ ހުޅުގަަޑު ނިއްވައިލުމަށްޓަކައި ރައީސް ޓްރަމްޕު ފެންޖައްސަވާ މަންޒަރު ފެންނާތީއެވެ. ތިޔަ ވިދާޅުވެވުނީ ރަގަޅަށެވެ. އަލިފާން ނިއްވައިލުމަށް ޓްރަމްޕު ފެން އެބަޖައްސަވައެވެ. މީގެ ކުރިން އެމެރިކާގެ ރައީސަކަށް ހުންނެވި ޖޯ ބައިޑެން އެކަމެއް ނުކުރައްވައެވެ. އޭނާ ކުރެެއްވި ކަމަކީ އަލިފާނަަށް ދަރުއެޅުއްވުމެވެ. އަލިފާންގަޑު ބޮޑު ކުރެެއްވުމެވެ. މިހިސާބަށް ހަގުރާމަ ދެމިގެން އައުމުގެ ސިއްރަކީ އެއީއެވެ. އަލިފާނަށް ދަރުއެޅުމަކީ ޔުކްރޭނަށް ވާގިވެރިވުމެވެ. ހަތިޔާރާއި ފައިސާ އޮއްސުމެވެ. ހިތްވަރުދީ ސާބަސްދިނުމެވެ. މަގުސަދަކީ ރަޝިޔާ ބަލިކުރުމެވެ. ޓްރަމްޕު އެކަން ހުއްޓަވައިފިއެވެ. ޔުކްރޭނަށް ތާއީދުކުރުން ހުއްޓަވައި ރަޝިޔާއާ ގާތަށް ޖެހިވަޑައިގެންފިއެވެ. މިކަން އަލިފާނަށް ފެން އެޅުމަކަށްވަނީ ކީއްވެގެން ހެއްޔެވެ.
ޓްރަމްޕުގެ ފޯމިއުލާގައި ޔުކްރޭނު ރުއްސުމެއް ނެތެވެ. ޔުކްރޭނުގެ މުހިންމުކަމެއްވެސް ނެތެވެ. މި ފޯމިއުލާގައި އޮތީ ރަޝިޔާ ރުއްސުމެވެ. ރަޝިޔާ ގާތްކުރުމެވެ. ހަގުރާމަ ނުނިމިއޮތީ ރަޝިޔާ އެކަހެރިކޮށްގެން، އަދަބުދީގެން، ބަލިކޮށްގެން އެކަންކުރާން އުޅުމުންނެވެ. ޔުކްރޭނު ރުހުނަސް ނުރުހުނަސް އެމެރިކާއިން ވަކިގޮތެެއް އިޚުތިޔާރުކޮށް އެގޮތަކަށް އަމަލުކުރާށޭ އެންގީމާ ޔުކްރޭނަކަށް ދެން ދެއްކޭނެ މާގިނަ ބަހަނާތަކެއް ނުހުންނާނެއެވެ. ގަދަދައްކައި ހަރުކަށިކަން ކުރިއަށް ނެރެން މާބޮޑު ހަކަތައެއްވެސް ނުހުންނާނެއެވެ. އެކަން ޓްރަމްޕަށް ރަގަޅަށް އެގިވަޑައިގަންނަވައެވެ. އެހެންވީމާ މިހާރު އެމެރިކާ އެކުރާކަމަކީ ރަޝިޔާ ރުއްސައި ރަޝިޔާއާއި އެމެރިކާގެ މެދުގައި ފާލަމެއް އެޅުމުގެ މަސައްކަތެވެ. އެމަސައްކަތް ބާރަށް އެބަކުރެއެވެ. ޔުކްރޭނާ ނުލައެވެ. ޔުކްރޭނު އެކަހެރިކޮށްފައެވެ. ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީގެ ތުންފިއްތުންތައް ވަރަށް ބޮޑެވެ. ހުޅަނގު ޔޫރަޕުގެ ނުރުހުންތެރިކަންވެސް ވަރަށް ބޮޑެވެ. އެކަމަކު ޓްރަމްޕަށް އެއްވެސް ފަރުވާލެއް ނެތެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމެރިކާއާއި ރަޝިޔާގެ މެދުގައި މަތީފެންވަރުގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވެއެވެ. މަޝްވަރާތަކެއް ނުހިގައެވެ. މުވާސަލާތުގެ ނަރުއޮތީ ކެނޑިފައެވެ. މިކަން ޓްރަމްޕު ނިމުމަކަށް ގެންނަވައި މީގެ ހަފުތާއެއް ކުރީން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ފޯނުކުރައްވައި މަޝްވަރާތަކެެއް ކުރައްވައިފިއެވެ. އެ މަޝްވަރާތަކަށް ހަފުތާއެއްވެސް ނުވަނީސް އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯއާއި ރަޝިޔާގެ ޚާރިޖީވަޒީރު ލަވަރޯފް ބައްދަލު ކުރައްވައި ސީދާސީދާ މަޝްވަރާތަކެއް ކުރައްވައިފިއެވެ. މިހަފުތާގެ އަންގާރަދުވަހު ސައޫދީއަރަބިޔާގެ ވެރިރަށް ރިޔާޒުގައެވެ. ގާތްގަޑަކަށް ފަސްގަޑިއިރުވަންދެން މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. މި މަޝްވަރާތައް ބޭއްވުނީ ޔުކްރޭނުގެ ސުލްހައިގެ މަހާސިންތާގެ ނަމުގައެވެ. އެކަމަކު ޔުކްރޭނު ބައިވެރިނުކޮށެވެ. ޔުކްރޭނަށް ދައުވަތެއްވެސް ނުދެއެވެ. ހަމަފާޅުގައި ޔުކްރޭނު އެކަހެރިކުރީއެވެ. މި މަޝްވަރާތަކުން ފައިދާވި އެއްކަމަކީ ރައީސް ޓްރަމްޕާއި ރައީސް ޕޫޓިންގެ ބައްދަލުވުމެއް ބޭއްވުމުގެ ނިންމުމެވެ.
މިދެންނެވި ސަމިޓް މިމަސް ނިމުމުގެ ކުރިން ބޭއްވުމަށް ވަނީ އެއްބަސްވެވިފައެވެ. މަސްނިމެން ދެންއޮތީ ދެ ހަފުތާއަށްވުރެވެސް ކުޑަ ދުވަސްކޮޅެކެވެ. ޓްރަމްޕާއި ޕޫޓިންގެ މި ސަމިޓް ބޭއްވޭނެ ވަކިދުވަހަކާއި ވަކިތަނެއް އިއުލާން ނުކުރިޔަސް ކުރިއަށް މިއޮތް ދިހަ އެގާރަ ދުވަހުގެ ތެރޭގައި އެދެބޭފުޅުން ބައްދަލު ކުރައްވާނެކަން މިހާރު ކަށަވަރެވެ. ލަވަރޯފާއި ރޫބިއޯގެ މަޝްވަރާތަކަށްފަހު އެމެރިކާއިން ޔޫރަޕާއި ޔުކްރޭނަށް އިއްވީ އެމީހުން އަޑުއަހާން އެންމެ ބޭނުންނުވި ވާހަކައެވެ. އެމެރިކާއިން ބުންޏެވެ. ޔުކްރޭނުގެ ސުލްހައިގެ ވާހަކަތައް މިފެށުނީއެވެ. މަޝްވަރާ މޭޒުގައި ޔޫރަޕަކަށް ގޮނޑިއެއް ނުހުންނާނެއެވެ. ވާހަކަ ދައްކާނީ ރަޝިޔާއާއި ޔުކްރޭނާއި އެމެރިކާއެވެ. މަޝްވަރާތަކުގެ ފުރަތަމަ ފިޔަވަހީގައި ޔުކްރޭނަށް ގޮނޑިއެއް ނެތަސް ދެން ކުރިއަށްހުރި ފިޔަވަހިތަކުގައި ޔުކްރޭނު ބައިވެރިކުރާނަމެވެ. މިއަޑުއިވިފައި ޔުކްރޭނު ތެޅިފޮޅިގެންފިއެވެ.
ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. ޔުކްރޭނަށް ތިރިގޮނޑިއެއް ދީގެން ހަގުރާމަ ނިންމާލެވިދާނެ ހެއްޔެވެ. އެކަމެއް ނުވާނެއެވެ. ޒެލެންސްކީ ހީފުޅުކުރެއްވީ ތޯއްޗެކެވެ. ނުރުހުން ފާޅުކޮށް ކުޑައިކޮށް ފުސްމޫނު ހަދައިލީމާ ޓްރަމްޕު މައިތިރިވެދާނެއެވެ. އެކަމަކު އާޚިރުގައި ކަންވީ އެހެނަކުން ނޫނެވެ. ޓްރަމްޕު ވިދާޅުވިއެވެ. އަސްތަ އަސްތާއެވެ. ދައުވަތު ނުދިން ވާހަކަޔާއި ގޮނޑިއެއް ނެތްވާހަކަ ބަޔަކު ދައްކާ އަޑުއަހައިފީމެވެ. ބަލަގަ ފާއިތުވި ތިންއަހަރު ކަލޭމެން ބޭނުންވާ އުސްމިނުގެ ގޮނޑިއެއް ޖަހައިހެން އެއަށް އަރާފައިނެތީ ކީއްވެގެން ހެއްޔެވެ. މަޝްވަރާ ނުކުރީ ކަލޭމެން އަމިއްލައަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ހަގުރާމަ ހުއްޓައިނުލީވެސް ހަމަ ކަލޭމެންނެވެ. އަދި ކިޔެެއްތަ މިހަގުރާމަ ފެށީވެސް ޚުދު ކަލެއެވެ. މިހާރު ކޮންހައި ވާހަކަތަކެއް ހެއްޔެވެ. މި އަޑުއިވިފައި ޒެލެންސްކީ ހިމޭންވެއްޖެއެވެ. ދެން ކަންކުރާންވީގޮތް ނިންމައި ޔޫރަޕު އެއްގަލަކަށް އެރުވޭތޯ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ޑިޕްލޮމެޓިކް އައު މަސައްކަތްތަކެއް ވަގުތުން ފައްޓަވައިފިއެވެ.
މިދަނޑިވަޅުގައި އެމެރިކާއިން ޔޫރަޕަށް އެންގިއެވެ. ކަލޭމެންގެ ކަންތަކުގައި ކަލޭމެން އިސްވާށެވެ. އަހަރެމެން ކުރަންޖެހޭ ބައިވަރު އެހެން މަސައްކަތްތައް އެބަހުއްޓެވެ. މެދުއިރުމައްޗާއި އަހަރެމެންގެ ބޯޑަރެވެ. ޗައިނާއާ ޖެހިގަތުމާއި އަދިވެސް ކިތަންމެ ކަމެކެވެ. ކަލޭމެން ދެން ކުރާންވީ ކަމަކީ ޔުކްރޭނު އާރާސްތުކޮށް ޔޫރަޕުގައި ސުލްހަ ދެމެހެއްޓުމަށް ކަލޭމެންނަށް ކުރެވޭނޭ ކަންކަމާއި ކޮށްދޭނެ ކަންކަން ބަޔާންކޮށް އަހަރެމެންނަށް ހުށައެޅުމެވެ. މިކަންކުރާންވީ ގޮތުގެ ކަރުދާހެެއް ޔޫރަޕުގެ ކޮންމެ ގައުމަކަަށްވެސް މިހާރު ފޮނުވައިފައި ވާނެއެވެ. ވަރަށް ސަލާމެވެ. ކޮންމެއަކަސް ޔުކްރޭނަށް ސުލްހަ ގެނައުމަށް ޓްރަމްޕު އީޖާދު ކުރެއްވި ފޯމިއުލާއަކީ މިއީއެވެ. މި ފޯމިއުލާއަށް ނޫނެކޭ ބުނެ ފުރަގަސްދޭން ޔުކްރޭނަކަށްވެސް ނުކެރޭނެއެވެ. އަދި ޔޫރަޕަކަށްވެސް ނުކެރޭނެއެވެ. ތުންފިއްތުމަކީ ވަކި ކަމެކެވެ. ތުންފިއްތަ ފިއްތައިފައިވެސް އެންމެފަހުން ކަންކުރާންޖެހޭނީ އެމެރިކާ އަންގާ ގޮތަށެވެ.