ދުނިޔެ

އިންޑިއާގައި ޓަނަލެއް ވެއްޓި، އަށް މީހަކު ތާށިވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ޓަނަލެއް ވެއްޓި އަށް މީހަކު ތާށިވެއްޖެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ތަލަންގަނާގެ ނަގަރުކުރްނޫލް ޑިސްޓްރިކްޓުގައި ހިނގި އެ ހާދިސާގައި، އެ ޓަނަލުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ 51 މީހުންގެ ތެރެއިން 43 މީހުން ވަނީ ސަލާމަތުން ނުކުމެފައެވެ.

އިއްޔެ އެ ހާދިސާ ހިނގާފައިވަނީ 44 ކިލޯމީޓަރުގެ ދިގު އެ ޓަނަލްގެ 14 ކިލޯމީޓަރާ ހިސާބުން ކަމަށް އޮފިޝަލުން ބުނެފައިވެެެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޓަނަލްގައި ތާށިވި އަށް މީހުންގެ ތެރެއިން ދެ މީހުންނަކީ ސައިޓު އިންޖިއަނައަރުންނެވެ.

އިންޑިއާގެ ފުލުހުން ބުނީ އެ ހާދިސާ ހިނގުމާއެކު އެ ޓަނަލްގެ ކަރަންޓު މައްސަލަ ޖެހި މުޅި ޓަނަލް އަނދިރިވެފައިވާ ކަމަށާއި ތާށިވީ މީހުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ ދަތި ކަމަކަށް ކުރިމަތިވެފައިވަނީ އަނދިރިވެފައިވުން ކަމަށެވެ.

ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ އިތުރުން އެހެން އިދާރާތައް ގުޅިފައިވާ އިރު، އިންޑިއާގެ ސިފައިން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.