އިމާދު ލަތީފު
އެމެރިކާގެ އައު ސަރުކާރުގެ އައު ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ މިދިޔަ ހަފުތާގައި ޔޫރަޕަށް ވަޑައިގެން ނޭޓޯގެ މެންބަރު ގައުމުތަކުގެ ދިފާއީވަޒީރުންނާ ބައްދަލު ކުރައްވައި އެމެރިކާގެ ސިޔާސަތަށް ގެނެވިފައިވާ އައު ބަދަލުތަކުގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. އެ ބަދަލުތަކަކީ ކޮބައި ބާވައެވެ. އެންމެ ބޮޑު ބަދަލަކީ ޔުކްރޭނުގެ ހަގުރާމަޔާމެދު އެމެރިކާގެ ވިސްނުމެވެ. ހަގުރާމައަށް ނިމުން އަންނަންޖެހޭ ގޮތާމެދު މިހާރު ގެންގުޅޭ އަމާޒުތަކެވެ. ނޭޓޯގެ ހެޑްކުއާޓަރު ހުންނަނީ ބެލްޖިއަމްގެ ވެރިރަށް ބްރަޒެލްސްގައެވެ. އެތަނުގައި ޔޫރަޕުގެ އެކި ގައުމުތަކުގެ ދިފާއީވަޒީރުންނާ މުޚާތަބު ކުރައްވަމުން ޕީޓް ހެގްސެތު ވިދާޅުވިއެވެ. ކަލޭމެން އެންމެންވެސް ދަންނާށެވެ. ފާއިތުވި ހަތަރު އަހަރު ޖޯ ބައިޑެންގެ ސަރުކާރުން ގެންގުޅުނު ވިސްނުން އަހަރެމެން ދޫކޮށްލައިފީމެވެ. ޔުކްރޭނުގެ ހަގުރާމައަށް އަވަސް ނިމުމެއް ގެނައުމަކީ އަހަރެމެންގެ އައު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަންތަކެވެ.
ހެގްސެތު އަދިވެސް ވިދާޅުވިއެވެ. ހޭއަރައިގެން ތިބޭށެވެ. ޚާއްސަކޮށް ޔުކްރޭނުން ވިސްނާށެވެ. ނޭަޓޯ ޖަމާއަތުގައި ޔުކްރޭނު ބައިވެރިކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ރައްކާތެރި ކަމެއްވެސް ނޫނެވެ. އެހެންވީމާ އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަގުރާމަ ހުއްޓައިލާއިރު ޔުކްރޭނުގެ ހުރިހާ ސަރަހައްދުތަކެއް ޔުކްރޭނަށް އަލުން ލިބޭނެކަމަށްވެސް ބަލައިގެން ނުވާނެއެވެ. އެއީ ނުވާނެ ކަމެކެވެ. ގެއްލުނު އެއްޗެއް ގެއްލުނީއެވެ. އެމެރިކާގެ ދިފާއީވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ފޯނުން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއާ މަޝްވަރާ ކުރެއްވިތާ ދާދިކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެހެންވީމާ އެމެރިކާއިން ނޭޓޯގެ ގައުމުތަކަށް މިއެންގި އެންގުމާއި ސިޔާސަތަށް އައި އައު ބަދަލުތަކަކީ މިދެންނެވި މަޝްވަރާތަކުން ފައިދާވި ދެނެގަތުމުގެ އަލީގައި ގެނެވުނު ބަދަލުތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. އެ މަޝްވަރާތަކުގެ ކުލަ މި ބަދަލުތަކުން ވަރަަށް ބޮޑަށް ފެނެއެވެ.
ދިފާއީވަޒީރު ހެގްސެތު މުޚާތަބު ކުރެއްވީ ޔުކްރޭން ޑިފެންސް ކޮންޓެކްޓް ގްރޫޕްގެ ނަމުގައި ވުޖޫދު ކުރެވިފައިވާ ޖަމާއަތުގެ އެންމެހައި މެންބަރު ގައުމުތަކުގެ އޮފިޝަލުންނާއެވެ. މިގްރޫޕުގައި ނޭޓޯގެ ބައްތިރީސް ގައުމާއި ނޭޓޯގައި ނުހިމެނުނަސް ޔުކްރޭނަށް ވާގިވެރިވާ ގައުމުތައް ހިމެނެއެވެ. އޭގެތެރޭގައި އޮސްޓްރޭލިޔާ އާއި ޖަޕާނާއި ދެކުނު ކޮރެޔާވެސް ހިމެނެއެވެ. ހެގްސެތު ވިދާޅުވިއެވެ. ނޭޓޯ އޮންނަންވާނީ އެކަތިގަޑެއްގެ ގޮތުގައެވެ. މިހަގުރާމައަކީ ބިރުބޮޑުވެގެންވާ ހަގުރާމައެކެވެ. އިންތިހާއަށް ގެއްލުންދެނިވި ފަނާކުރަނިވި ހަގުރާމައެކެވެ. އެހެންވީމާ އެންމެން އެކަތިގަޑެއްގެ ގޮތުގައި ތިބެގެން ކުރަންވީ ކަމަކީ ހަގުރާމައަށް އަވަސް ނިމުމެއް ގެނައުމެވެ. އެގޮތަށް ނިމުން ގެންނައިރު ހަގީގަތްވެސް ގަބޫލުކުރަން ޖެހޭނެއެވެ. ހަގުރާމައިގެ މައިދާނުގެ ހަގީގަތަށްވެސް ރިއާޔަތް ކުރަން ޖެހޭނެއެވެ. ހުވަފެނީ އަމާޒުތަކެއް ކަޑައަޅައި އެއަމާޒު ހޯދަން އުޅެގެން ދުވަހަކުވެސް ހަގުރާމަޔަކަށް ނިމުމެއް ނުގެނެވޭނެއެވެ. މީގެ މާނަޔަކީ ކޮބައި ހެއްޔެވެ.
ހެގްސެތު ވިދާޅުވިއެވެ. މީގެ މާނަ ވަރަށްވެސް ސާފެވެ. ޔުކްރޭނުގެ ބޯޑަރަކީ 2014 ވަނަ އަހަރުގެ ބޯޑަރުކަމަށް ދެން ދުވަހަކުވެސް ނުހެދޭނެއެވެ. ކްރައިމިއާ އާއި ދޮންބާސް އަލަކުން ދެން ޔުކްރޭނަކަށް ނުލިބޭނެއެވެ. ނުހޯދޭނެއެވެ. އެހެންވީމާ ސުލްހަޔާއި އަމާންކަން ބޭނުމިއްޔާ ޔުކްރޭނަށް ޖެހޭނީ މިދެންނެވި ސަރަހައްދުތައް އަލުން ހޯދުމުގެ ހުވަފެން ހަނދާން ނައްތައިލާށެވެ. ހެގްސެތު އަދިވެސް ވިދާޅުވިއެވެ. ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރާއި ފައިސާއަށް ބަރޯސާކޮށްގެން ހަގުރާމައިން ކުރި ލިބިދާނެ ކަމަށް ހީކުރުމުގެ ބަދަލުގައި ޔުކްރޭނުން މިހާރު ކުރަންވީ ކަމަކީ ސުލްހަ ގާއިމުކުރުމާމެދު ރަޝިޔާއާއެކު މަޝްވަރާތައް ފަށަންވީއެވެ. އަވަހަށެވެ. ބޯހަރުކަން ދޫކޮށްލައި ޝަރުތުތަކެއްގައި ހިފަހައްޓައިގެން ތިބުންވެސް ދޫކޮށް މަޝްވަރާގެ މޭޒަށް އަންނަންވީއެވެ. ދެފަރާތުގެ ލަޝްކަރުތަކުގެ މެދަށްވަދެ ސުލްހައިގެ ކަށަވަރުކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއްވެސް އެކުލަވައިލަން ވާނެއެވެ.
މިދެންނެވި ފައުޖަކީ ފަހަރުގައި ނޭޓޯގެ ގައުމުތައް ނުހިމެނޭ ފައުޖަކަށް ވެދާނެއެވެ. ކޮންމެއަކަސް ހެގްސެތުގެ މިވާހަކަފުޅަކީ ޓްރަމްޕުގެ ސަރުކާރުން ޔުކްރޭނުގެ ހަގުރާމަ ނިންމުމަށްޓަކައި ގެންގުޅޭ ވިސްނުމާމެދު މިހާތަނަށް ހާމަކުރެވުނު އެންމެ ބޮޑު ތަފްސީލެވެ. ރައީސް ބައިޑެންގެ ދައުރުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔުކްރޭނުގެ ހަގުރާމަ ފެށުނުފަހުން ތިން އަހަރު ފާއިތުވެގެންދާއިރު އެމެރިކާއިން މިޒާތަށް އަދި ވާހަކަތަކެއް ނުދައްކައެވެ. ޓްރަމްޕު ވެރިކަމަށް އިންތިޚާބު ވުމުގެ ކުރިންވެސް އަދި ފަހުންވެސް ވިދާޅުވަމުން ގެންދަވަނީ ހަގުރާމަ ނުނިމިގެން އުޅެނީ ޖޯ ބައިޑެން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމުގައެވެ. އެސިޔާސަތު ބަދަލު ކުރައްވާނެ ކަމުގައެވެ. ބައިޑެންއާ ޚިލާފަށް ޓްރަމްޕަކީ މާބޮޑަށް ނޭޓޯވެގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. ނޭޓޯއަށްވެސް ދެއްވަނީ އިންޒާރެވެ. ޓްރަމްޕު ބޭނުންފުޅުވާ ގޮތަށް ނޭޓޯގެ ގައުމުތަކުން ކަންކަން ނުކުރަންޏާ ނޭޓޯއިން އެމެރިކާ ވަކިވެދާނެ ކަމަށްވެސް ވިދާޅުވަމުން ގެންދަވައެވެ.
ނޭޓޯގެ ގައުމުތަކުން އަމިއްލަ ދިފާއަށްކުރާ ހޭދަ އިތުރު ނުކޮށް ހަމައެކަނި އެމެރިކާގެ އިންވެސްޓްމަންޓަށް ބަރޯސާކޮށްގެން، ހުރިހާ ޚަރަދަކާއި ޒިންމާއެއް އެމެރިކާގެ ބޮލަށް ޖަހައިގެން ތިބެންޏާ ނޭޓޯގައި އެމެރިކާ ދެމިއޮތުމުގެ ބޭނުމެއް ނެތްކަމަށާއި އެމެރިކާއަކީ ނޭޓޯގެ ބަލަދުވެރިޔާ ނޫންކަމަށްވެސް ޓްރަމްޕު ގެންދަވަނީ ވިދާޅުވަމުންނެވެ. ޓްރަމްޕުގެ ފަރާތްޕުޅުން އެމެރިކާގެ ދިފާއީވަޒީރު ޕީޓް ހެގްސެތު ޔޫރަޕަށް ވަޑައިގެން މިއިއްވެވީ ޔޫރަޕުގެ ގިނަ ގައުމުތަކުން އަޑުއަހާން ބޭނުންވި ވާހަކަތަކެއް ނޫނެވެ. ބޭނުންވިޔަސް ނުވިޔަސް އެމީހުންނަކަށް އިތުރު ގޮތެއް ނެތެވެ. އެމެރިކާޔާ ނުލައި ނޭޓޯއަކަށްވެސް ޔޫރަޕަކަށްވެސް ކަމެއް ކުރެވެންއޮތީއެއް ނޫނެވެ. އެހެންވީމާ ޔޫރަޕާއި ޔުކްރޭނަށް ދެންއޮތީ ކްރައިމިއާ އާއި ދޮންބާސް ރަޝިޔާއަށް ދޫކޮށްލައި ނޭޓޯގައި ޔުކްރޭނު ބައިވެރިކުރުމުގެ ޚިޔާލުވެސް ދޫކޮށްލައި ރަޝިޔާއާއެކު ސުލްހަވުމަށް އެއްބަސްވުމެވެ. މިމަގުން ޔުކްރޭނުގެ ހަގުރާމައަށް ނިމުންއައިސް ޔޫރަޕުގައި ސުލްހަ ގާއިމުވާން ދެން ދިގު މުއްދަތެއް ހޭދަވާނެ ކަމަކަށް ނުފެނެއެވެ.