މުހައްމަދު އައުޒަމް
އިންޑިއާގެ އަދާނީ ގުރޫޕުން ލަންކާގައި ކުރިޔަށް ގެންދާ 440 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހުއްޓާލާނެ ކަމަށުގެ ސިގުނަލެއް އެ ގުރޫޕުން ދީފިއެވެ.
އަދާނީ ގުރޫޕުން ވަނީ ލަންކާގައި ކުރިޔަށް ގެންދާ ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ބޮޑު ޕްރޮޖެކްޓް ހުއްޓާލަން ޖެހިފައިވަނީ ލަންކާގެ އާ ސަރުކާރުން ހަކަތަ ގަތުމުގައި އެއްބަސްވެފައިވާ އަގުތަކަށް ބަދަލު ގެންނަން ނިންމުމުން ކަމަށް ބުނެފައެވެ.
އަދާނީ ގުރޫޕުގެ ވެރިޔާ އަދި އިންޑިއާގެ ބިލިއަނަރު ގައުތަމް އަދާނީ ވަނީ ބުރާސްފަތި ދުވަހު ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައަށް ރަސްމީކޮށް އެކަންބޮޑުވުން ހުށަހަޅުއްވާފައި ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން އެ ގުރޫޕާ އެކު ލަންކާ ސަރުކާރުން ވެފައިވާ 20 އަހަރުގެ އެގްރިމެންޓާ މެދު ގޮތެއް ނިންމުމަށް އެދިފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އަދާނީ ގުރޫޕުގެ ވެރިޔާ ވަނީ ލަންކާގެ ސުވޮރިން ރައިޓްސް ތަކަށް ބޯލަނބާ ކަމަށާއި ކުރީ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް އެކަން ކުރިޔަށް ނުގެންދެވޭ ނަމަ އަންނަ މާޗު މަހުގެ ނިޔަލަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
އަދާނީ ގުރޫޕުން ލަންކާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ 484 މެގަވޮޓުގެ ޕްރޮޖެކްޓެކެވެ. އަދާނީ ގުރޫޕުން ވަނީ އެޕްރޮޖެކްޓްގެ މަސައްކަތުގައި މިހާތަނަށް ފަސް މިިލިއަން އެމެރިކާ ޑޮލަރު ހަރަދު ވެއްޖެ ކަމަށް ބުނެފައެވެ.