މިނިސްޓްރީ އޮފް ހެލްތް

ދެން ވަކި ސިނގެރޭޓެއް ނުލިބޭނެ، ފުރަތަމަ ތަންފީޒުކުރާނީ ވަކި ސިނގެރޭޓްގެ ބައި

ޝަހީދާ އަބްދުﷲ ސައީދު

ދުންފަތާ ބެހޭ އާ ގަވައިދުގެ ދަށުން މިރޭ 12:00 ގެ ފަހުން ވަކި ސިނގެރޭޓު ވިއްކުން މަނާވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިހެން ބުނެފައިވާއިރު، މާދަމާ އަކީ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހެވެ. އަދި މާދަމާއަކީ ރާއްޖޭގައި އަލަށް އެކުލަވައިލި ދުންފަތުގެ އާ ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހެވެ.

މި ދެމުނާސަބަތާއި ގުޅިގެން ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީން ވަނީ އާ ގަވައިދުގެ ދަށުން ތަންފީޒުކުރެވިގެންދާނެ ގިނަ ކަންކަން ފާހަގަކޮށްފައެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު" ގައިވާ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކި ސިނގިރޭޓް ވިއްކުމާ ބެހޭ ބަޔަށެވެ. އެ ގަވާއިދަށް މިރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

އަދި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހު އެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގައި ބަންދުކުރާ އަދި ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި ވިއްކާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ބަންދުންކޮށްފައި ހުންނަންވާނީވެސް އަދި ވިއްކަންވާނީވެސް ގަވައިދުގައިވާ މިންވަރަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން މަދުވެގެން ވިހި ސިގިރެޓް ހިމެނޭ ފޮއްޓެއް، ފަންސާސް ބިޑި ހިމެނޭ ފޮއްޓެއް ނުވަތަ ބޮނޑިއެއް، ދުންފަތުގެ އެހެނިހެން ބާވަތްތައް 30 ގްރާމް ހިމެނޭގޮތަށެވެ.

ޖުލައި މަހުގެ 31ން ފެށިގެން ރާއްޖޭގައި އުފައްދާ ރާއްޖޭގައި ބަންދުކުރާ، އަދި ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތުގެ އިންޒާރުޖެހުން ލާޒިމުވާނެއެވެ.

މީގެއިތުރުން 30 ނޮވެންބަރު 2019ން ފެށިގެން ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތު އިންޒާރުނެތި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ.

މިގަވައިދާ ހިލާފުވެއްޖެ މީހަކު އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ ދިހަ ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.

އެގޮތުން ދެވަނަ ފަހަރަށް ފަސް ހާސް ރުފިޔާ، ތިންވަނަ ފަހަރަށް ދިހަ ހާސް ރުފިޔާ، އަދި ހަތަރުވަނަ ފަހަރު ވިހި ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސް ވަނަފަހަރަށް ޖޫރިމަނާކުރެވޭނީ ގާނޫނުގައި ޖޫރިމަނާކުރުމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން މިއަދު ވަނީ އެގަވައިދު ތަންފީޒުކުރުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތައްވެސް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ލިޔެފައިވާ މެސެޖު ކިޔަން ނެނގޭ އަދި ނުކިޔާ ފަރާތްތަކަށްވެސް ދުންފަތުގެ ނުރައްކަލުގެ މައުލޫމާތު ލިބުމާއި ދުންފަތުގެ ބާވަތްތައް އާންމުކޮށް ފެންނާނެހެން ބެހެއްޓުމާއި ބޭނުންކުރުން މަދުވުމާއި އަދި އޭގެ ސަބަބުން އިޝްތިހާރުވުން މަދުވެ ދުންފަތުގެ މަގުބޫލުކަން ކުޑަވުން ހިމެނެއެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަމިއްލަ ސިއްހަތާމެދު ވިސްނުމަށް ބާރުލިބި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ހިތްވަރު ލިބިގެން ދިޔުމާއި ކުޑަކުދިންނާއި ކައިރީގައި އަދި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާކުރުން މަދުވުމާއި ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމާ ދުރުހެލިވުން ހިމެނެއެވެ.